ކުޅިވަރު

ބުފޮންގެ 20 އަހަރުވީ ކާމިޔާބު ކެރިއަރަށް ހިތްދަތި ނިމުމެއް!


އިޓަލީގެ ޤައުމީ ޓީމްގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ބުފޮން ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ވިހި އަހަރު ޤައުމީ ޓީމަށް ކުޅުމަށްފަހުގައެވެ.

އިޓަލީގެ ޕާމާ އިން ޔުވެންޓަސް އަށް 32.6 މިލިއަން ޔޫރޯ އަށް 2001 ވަނަ އަހަރު ބަދަލުވުމާއެކު އޭނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރެވެ. 

ބައިކޮޅަށް ގޯލެއް ނުވައްދައި އޭނާ ވަނީ އިޓަލީ ލީގުގައި 270ވުރެ ގިނަ މެޗު ކުޅެފައެވެ. އޭނާ އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އެއްފެންވަރެއްގައި ބުފަން ކުޅެމުން އަންނަ މައިގަނޑު ސަބަބަކީ ކުޅުމަށް އޭނާ ދޭ ސަމާލުކަމެވެ. އުމުރުން ދުވަސްވީ ނަމަވެސް އަދިވެސް ހަރަކާތް އަވަސް ކުޅުންތެރިއަކަށް އޭނާ ވަނީ ކުޅިވަރުގެ އަޙުލާގާއި ޕްރެކްޓިހަށްދޭ ސަމާލުކަމުންނެވެ. އޭނާ އަކީ ޑިފެންސް ލައިން އޮގަނައިޒްކޮށްދިނުމާއި ރަނގަޅު ޕޮޒިޝަން ނެގުމުގައި އަރާހުރި ތަޖުރިބާކާރެކެވެ.

ބުފަންގެ ދެ ދައްތަ ވަނީ އިޓަލީގެ ގައުމީ ވޮލީ ޓީމަށް ކުޅެފަ އެވެ. ބޭބެ އަކީ ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިއެކެވެ. އޭނާގެ ބޮޑުބޭބެ އެއް ކަމަށްވާ ލޮރެންޒޯ ބުފަން އަކީ އޭސީ މިލާނާއި އިންޓަމިލާން އަދި ކުރީގެ ގައުމީ ކީޕަރެވެ.

ފުޓްބޯޅަ ކުޅެގެން އަހަރަކު 4 މިލިއަން ޔޫރޯ ހޯދާ ބުފަން ރޭ ކުޅުން ހުއްޓާލީ އޭނާ ބޭނުންވި ގޮތަކަށްވުރެ ހިތިގޮތަކަށެވެ.

އުމުރުން މިހާރު 39 އަހަރުގެ ކީޕަރު ކުރިން ނިންމައިގެން ހުރީ އަންނަ އަހަރުގެ ވޯލްޑް ކަޕް ކުޅުމަށްފަހު ޤައުމީ ޖާޒީ ބޭލުމެވެ. ނަމަވެސް ރޭ ސްވިޑްންއާ އެއްވަރުވެ، އިޓަލީ ކެޓި މެޗަށް ފަހު އޭނާ ބުނީ މިފަދަ ހިތާމަވެރި ގޮތަކަށް ގައުމި ޖާޒީ ބާލަން އޭނާ ހުރީ އެއްގޮތަކަށް ވެސް އުއްމީދުކޮށްގެން ނޫން ކަމަށެވެ.

2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ބުފަން އަކީ ނިމިދިޔަ އަހަރުގެ ދުނިޔޭގެ އެއްވަނަ ކީޕަރެވެ. އޭނާ ބުނީ އިޓަލީގެ ފުޓްބޯޅައިގެ މައްސަލަތަކުން އަރައިގަންނަން ވެއްޖެ ކަމަށެވެ. އަދި ކުރިމަގަށް އެންމެ މޮޅު ގޮތަކީ ރަނގަޅު ޓީމެއް ތައްޔާރުކުރުން ކަމަށާއި އޭނާގެ ޖީލިގެ ކުޅުންތެރިން ގައުމަށްޓަކައި ކޮންމެވެސް ވަރެއްގެ ޖިހާދެއް ވެފައިވާ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި މިހާރު ވެސް ގައުމީ ޓީމުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެމީހުންނަށް ރަނގަޅު މަގު ދައްކައި އިޓަލީގެ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ބަދަލު ކުރަންޖެހިފައިވާ ކަމަށެވެ.

އިޓަލީގެ ގައުމީ ޓީމަށް 170 މެޗު ކުޅެދީފައިވާ ބުފަން ބުނީ ފުޓްބޯޅައިގައި މޮޅުވާނީ ޓީމެއްގެ ގޮތުގައި ކުރެވޭ މަސައްކަތުން ކަމަށާއި އިޓަލީވަނީ މީގެ ކުރިން އެކަން ސާބިތުކޮށްދީފައި ކަމަށެވެ. މިހެންވެ މިހާރު ވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށާއި ނަމަވެސް ވޯލްޑް ކަޕަށް ކޮލިފައިނުވި ސަބަބު ހޯދައި އެކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށްވެސް ބުފޮން ބުންޏެވެ.