ކުޑަކުދިންނަށްކުރާ އަނިޔާތަކުގެ ސަބަބުން އިޖްތިމާޢީ ގޮތުންނައި އިޤްތިޞާދީގޮތުންވެސް ޤައުމަށް ގެއްލުންތަކެއް ކުރިމަތިވަމުންދާކަމަށާ އެކަން ޤަބޫލުކޮށް ކުދަކުދިންނަށް އަނިޔާކުރުމުގެ ޢަމަލުތައް ހުއްޓާލަންޖެހޭކަމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މިނިސްޓަރ ވިދާޅުވީ އަނިޔާއިން ރައްކާތެރިކަންލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްގަކަށްވާއިރު ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތައްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންކަމަށެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހަޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ ހުށަހަޅާ މައްސަލަތަކުގެ %50 މައްސަލައަކީ ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްސަލަތައްކަމަށެވެ. ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 480 އަށްވުރެ ގިނަ މައްސަލަ އެމިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއިން ކުދިން ރައްކާތެރިކުރުމާއި އަނިޔާއާދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ މަސައްކަތަކީ ސަރުކާރުން އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތެއްކަން މިނިސްޓަރު ފަހަގަކުރެއްވިއެވެ.
"ތަފާސްހިސާބުތަކުން ހާމަވެގެންދާ ހިތާމަވެރި ހަޤީޤަތަކީ، ފާއިތުވެގެންދާ ކޮންމެ ދުވަހަކީ، އަޅުގަނޑުމެންގެ މިކުޑަ މުޖުތަމަޢުގައިވެސް ކޮންމެވެސް ކުއްޖަކަށް އަނިޔާއެއް ލިބޭ ދުވަހެއްކަމެވެ. އަނިޔާގެ ސަބަބުން، އަނިޔާ ލިބޭ ކުދިންނަށާއި، އެކުދިންގެ ޢާއިލާއަށް ކުރާ އަސަރުތައް ދެނެގަންނަންޖެހެވެ." މިނިސްޓަރ ޒެނިޝާ ވިދާޅުވިއެވެ.
ކުޑަކުދިންނަށްކުރާ އަނިޔާ އާމެދު އެކުދިން ހޭލުންތެރިކުރުމަށް "އަހަން"ގެ ނަމުގައިފެށި ކެމްޕޭނުގެ ދަށުން މިއަހަރު ހާހަކަށްވުރެ ގިނަ ކުދިންނަށްވަނީ މަޢުލޫމާތުދީފައެވެ. މީގެ އިތުރުން މިމައްސަލައަށް ޙައްލެއް ހޯދުމުގެ މަޤުސަދުގައި ވަނީ ޗައިލްޑް ހެލްޕްލައިނަށް ކޯލްސެންޓަރެއް ޤާއިމްކޮށް، ރިޕޯޓިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. މީގެއިތުރުން ކުޑަކުދިންނަށްކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ރާއްޖޭގައި ފުރަތަމަފަހަރަށްވަނީ ޤައުމީ މަހާސިންތާއެއް ބާއްވާފައެވެ.
އަދި މިމަހާސިންތާގައިވަނީ ކުޑަދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ނޭޝަނަލް އެކްޝަން ޕްލޭންގެ މަސައްކަތް ފަށާފައެވެ.