އިޓަލީގެ ޤައުމީ ޓީމްގެ ކޯޗުކަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ދިނުމަށް މަސައްކަތް ފަށައިފިއެވެ.
އިޓަލީގެ ފުޓްބޯޅަ ފެދަރޭޝަނުން މިކަން ޔަގީންކޮށްދީފައިވާއިރު 2015 ވަނަ އަހަރު ކޮންޓޭ ގައުމީ ޓީމަށް ދުރަށް ދިޔައީ ޗެލްސީއާ ހަވާލުވުމަށެވެ.
ޔުވެންޓަސް އާއި ޗެލްސީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޮންޓޭ އަކުން ގައުމީ ޓީމަށް ގެންދަން އިޓަލީން މަސައްކަތް ފެށީ އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިނުވުމުން. މިއީ ފާއިތުވެދިޔަ 60 އަހަރު ތެރޭގައި އިޓަލީ ވޯލްޑް ކަޕަށް ނުހޮވުނު ފުރަތަމަ ފަހަރެވެ.
މިހެންވެ ކޯޗު މަގާމު ވަކިކޮށް އިޓަލީގެ ފުޓްބޯޅައިގެ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ ގައުމުން ވަގުތުން ވަނީ ފަށާފައެވެ. މި ގޮތުން މިވަގުތު ގައުމީ ޓީމަށް ގެނައުމަށް ލިސްޓު ކޮށްފައިވާ ކޯޗުންގެ ތެރޭގައި ހިމެނެނީ ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ އާއި އިންޓަމިލާނާއި ޗެލްސީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އާއި އޭސީ މިލާނާއި ރެއާލް މެޑްރިޑް އަދި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ އާއި ޗެލްސީ އާއި ލެސްޓާ ސިޓީގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީގެ އިތުރުން ކޮންޓޭއެވެ. މީގެ ތެރެއިން އިޓަލީގެ ފުރަތަމަ އަމާޒަކީ ވެސް ކޮންޓޭއެވެ.