ވާރޭ ވެހުމާއި ވައިޖެހުމުގެ ސަބަބުން މިދިޔަ މަހެއްހާ ދުވަހާ އަޅާބަލާއިރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ މައްސަލައަށް މިވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައެވެ. ނަމަވެސް މުޅިން އެމައްސަލަ ހައްލުވީކީއެއް ނޫނެވެ. ނޮވެމްބަރު މަހުން ފެށިގެން ދިއްލީގެ ވައިގެ ނުސާފުކަން ހުރީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަންބޮޑުވާ ދަރަޖައެއްގައެވެ. އެގޮތުން ދިއްލީގެ މާހައުލުގެ ވައިގެ ތަޣައްޔަރުކަމުގެ ސަބަބުން އިންސާނުންގެ ފުރާނައަށްވެސް ނުރައްކާވާނޭކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. އިންޒާރުތަކާއެކު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅުތައްވެސް އެޅުއްވިއެވެ. އެގޮތުން ސްކޫލްތައް ބަންދުކުރުމާއި ޢިމާރާތްކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުންފަދަ ފިޔަވަޅުތައް އެޅިއެވެ.
img:http://s4.psmnews.mv/images/660x400/15113631896656.jpg|ދިއްލީގެ ވައި ތަޣައްޔަރުވެފައި / މިކަމަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ބައެއް ފަރާތްތަކުން ދެކޭ
މިމައްސަލައާ މެދު ވާހަކަދައްކާއިރު އިންޑިއާގެ ސިޔާސީވެރިން މިކަމުގެ ޒިންމާ އަޅުވާ ކަންކަމުގެ ތެރޭގައި ވެހިކަލްތައް ހިމެނެއެވެ. ނަމަވެސް މިކަން ދިރާސާކޮށް ބަލާ ފަރާތްތަކުން ބުނަނީ މުޅިން އެހެން ވާހަކައެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ދިއްލީގެ ވައި ތަޣައްޔަރުވުމުގައި ވެހިކަލްތަކުން ނިކުންނަ ދުމަކީ މާބޮޑު ދައުރެއް އަދާކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންސްޓްރަކްޝަން ސައިޓުތަކުން ނިކުންނަ ހިރަފުހާއި ދުމާއި ބޮޑެތި ދަނޑުތައް ރޯކޮށްލުމުން އަރާ ދުމަކީ މިކަމުގެ މައިގަނޑު ސަބަބުކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. މީގެ އިތުރުން ދެލީގެ ބާވަތެއްކަމަށްވާ ޕެޓް ކޯކް އެންދުމަކީވެސް މީގެ ސަބަބެކެވެ.
ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ޖައްވު ނުސާފުވުމުގެ މައްސަލައަށް ހައްލެއް ލިބޭނީ މީގެއިން ކޮންމެ މައްސަލައަކަށް ވަކިން ރިޔާޢަތްކޮށްގެނެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ޖައްވު ނުސާފުވުމުގެ މައްސަލައަށް އިންޑިއާ ސަރުކާރުން ކުރާ މާބޮޑު މަސައްކަތެއްނެތެވެ. އޭގެ ބަދަލުގައި ދައްކާ ވާހަކަ މާގިނައީއެވެ. ޖައްވު ނުސާފުވުމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެކަންތައް ވެހިކަލްތައް ބޮލަށް ކަނޑާލަނީއެވެ. އަދި އެކަންކަން ހައްލުކުރުމަށްކަމަށް ބުނެ އަޅާ ފިޔަވަޅުތައްވެސް ބައެއް ފަރާތްތަކުން ސިފަކުރަނީ އެއްވެސް ތާކުން ތާކުން ނުޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. މިގޮތުން 2 ލީޓަރަށްވުރެ ގިނައިން ޑީސަލް އެޅޭ ޓެންކުތައް ހުންނަ ވެހިކަލްތައް މަނާކޮށްފައިވާއިރު، އޭގެ ތެރޭގައި ތިމާވެއްޓާށް ރައްކާތެރިކޮށް ތައްޔާރުކޮށްފައި ހުންނަ ވެހިކަލްތައް އިސްތިސްނާ ނުވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.
img:http://s4.psmnews.mv/images/660x400/15113632080859.jpg|ދިއްލީގެ ވައި ތަޣައްޔަރުވެފައި / މިކަމަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ބައެއް ފަރާތްތަކުން ދެކޭ
މީގެ އިތުރުން ތަރީޙީ އަދި ކުރީގެ ކާރުތައް އިސްތިސްނާނުކޮށް، 15 އަހަރުވެފައިވާ ޕެޓްރޯލް ކާރުތަކާއި 10 އަހަރުވެފައިވާ ޑީސަލް ކާރުތައް ދިއްލީގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންކަމުން މަދުންނޫނީ ނުފެންނަ އެންމެ ކުރީގެ މާސެޑީޒް ބެންޒުގެ ކާރަކާއި ދުންބޯޓެއް ފަދަ ޓްރަކެއްވެސް ކެޓަގަރީ ކުރަނީ އެއް މިންގަނޑުކުންނެވެ. މިމައްސަލަ މިހާރު ސުޕްރީމްކޯޓުގައި އޮތްއިރު، މިއީ ނަމެއްގައި ކަމެއް ކުރުމުން ނުކުންނަ ނަތީޖާކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.
މިކަމުގައި އެހެން މައްސަލައެއްވެސް ކަމާބެހޭ ފަރާތްތަކުގެ މެދުގައި އެބައޮތެވެ. އިންޑިއާގެ މައި ސަރުކާރު ދިއްލީގައި ހަރަކާތްތެރިވާއިރު، ދިއްލީގެ ކަންކަން ނިންމަނީ އަދި މުޅިން އެހެން ސަރުކާރަކުންނެވެ. އެހެންކަމުން މައި ސަރުކާރާއި ދިއްލީގެ ސަރުކާރުގެ ކަމަކީ ޖައްވު ނުސާފުވުމުގެ މައްސަލަ އެއްބައެއް އަނެއްބައެއްގެ ބޮލުގައި އެޅުވުމެވެ.
ދެ ސަރުކާރުގެ ދެމެދުގައި ހުރި މައްސަލަތައް ބޮޑުވުމުން، މިކަމުގެ ތެރެއަށް އިންޑިއާގެ ސުޕްރީމްކޯޓުން ވަނެވެ. އަދި ވެހިކަލްތަކަށް ހުއްދަ ދޭ މިންގަނޑު ބަދަލުކުރުމަށް ކޯޓުން ވަނީ ސަރުކާރަށް އަންގާފައެވެ.
އިންޑިއާގެ ވައިގެ ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޗައިނާއަކީ ނަމޫނާއެކެވެ. ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ޗައިނާ ވެރިރަށް ބެއިޖިންގައި ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ތިމަވެއްޓަށް ރައްކާތެރި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތައް ތަރައްޤީކުރާ މިންވަރު ވަނީ އިތުރުކޮށްފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ދަނީ އެޤައުމުތަކުން ބޭނުންކުރާ ވެހިކަލްތައް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ތާރީޚްތައް ކަނޑައަޅައިގެން، ޕްލޭންތައް ތައްޔާރުކުރަމުންނެވެ.
img:http://s2.psmnews.mv/images/660x400/15113632867921.jpg|ޗައިނާއިން އުފައްދާ ތިމަވެއްޓަށް ރައްކާތެރި ވެހިކަލްތަކެއް / ޗައިނާއިން ދަނީ ތެޔޮ އަންދާ ވެހިކަލްތަކުގެ ބަދަލުގައި ތިމަވެއްޓާއި ރަށްޓެހި ވެހިކަލްތައް އުފައްދަމުން
އިންޑިއާއިންވެސް ވަނީ 2030 ވަނަ އަހަރުން ފެށިގެން ހަމައެކަނި ތިމާވެއްޓަށް ރައްކާތެރި ވެހިކަލްތައް އުފެއްދުމަށް ނިންމާފައެވެ. ނަމަވެސް މިކަންކުރާނެ މަގުޗާޓެއް ނުވަތަ އެއްވެސް ޕްލޭނެއް އިންޑިއާ ސަރުކާރުން އެކަށައަޅާފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ދިއްލީއަށް މިދުވަސްވަރު ކުރިމަތިވެގެން އުޅޭ ވައި ނުސާފުވުމުގެ މައްސަލަ ހަމައަކަށް އެޅުމުން، އަނެއްކާވެސް މިމައްސަލައިގެ މަތިން މީހުން ހަނދާނެއް ނުހުންނާނެއެވެ.