ދުނިޔެ

މުލަޑިޗްގެ މައްޗަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް


ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ނަޞްލު ނައްތާލުމުގެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ސަރބުންގެ ކުރީގެ އަސްކަރީ ކޮމާޑަރު ޖެނެރަލް ރަޓްކޯ މްލަޑިޗްގެ މައްޗަށް، ބޮސްނިޔާ މުސްލިމުންގެ ނަޞްލު ނައްތާލުމާއި އިންސާނިއްޔާ ދެކޮޅަށް ޖަރީމާ ހިންގިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، އޭނާ ޢުމުރަށް ޖަލަށްލުމަށް ހުކުމުކޮށްފިއެވެ.

ކުރީގެ ޔުގޮސްލޭވިޔާގެ އިއްތިޙާދުގައި ހިމެނުނު ޤައުމުތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބަލައި ޝަރީޢަތް ހިންގުމަށްޓަކައި އދން އުފެއްދި ޚާއްސަ ކޯޓުގެ ފަނޑިޔާރު އަލްފޮންސް އޯރީ، މްލަޑިޗްގެ މައްޗަށް ޙުކުމް އިއްވަމުން ވިދާޅުވީ މްލަޑިޗް ހިންގާފައިވަނީ ނުރައްކާތެރި ޖަރީމާތަކެއްކަން ސާބިތުވާތީ ޢުމުރަށް ޖަލަށްލުމުގެ ޙުކުމް އޭނާގެ މައްޗަށް އިއްވީކަމަށެވެ.

މްލަޑިޗް އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވަނީ ބޮސްނިޔާ ސަރބުންގެ ސިޔާސީ ލީޑަރު ރަޑޮވާން ކަރަޑިޗާ ގުޅިގެން ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. ބޮސްނިޔާގެ ގާތިލްގެ ނަމުން މަޝްހޫރުވެފައިވާ ޖެނެރަލް މްލަޑިޗް ވަނީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި އުފެދުނު އެންމެ ނުރައްކާތެރި ޤާތިލުންގެ ތެރޭގައި ހިމެނިފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވި ޖަރީމާތަކުގެ ތެރޭގައި ބޮސްނިޔާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ގަތުލުއާންމުތައް ހިންގުމުގެ އިތުރުން އދގެ މަސްއޫލުވެރިން ވަގަށްނަގައި ރަހީނު ކުރުމާއި ހަނގުރާމައިގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގަސްދުގައި ގޮންޖެހުން ހިމެނެއެވެ.

މިގޮތުން ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބައިނަލްއަޤުވާމީ ޤާނޫނުގައި ހިމެނޭ އެގާރަ ޖަރީމާއެއް ގަސްދުގައި ހިންގިކަމުގެ ތުހުމަތު މްލަޑިޗްގެ މައްޗަށް ސާބިތުވާކަމަށް އދގެ  ޚާއްސަ ކޯޓުގެ ފަނޑިޔާރު އަލްފޮންސް އޮރީ ވިދާޅުވިއެވެ.

ޖެނެރަލް މްލަޑިޗްގެ ކޮމާންޑްގެ ދަށުން ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ނަޞާރާ ސަރބުން ހިންގި ބިރުވެރި ގަތުލުއާންމުތަކުގެ ތެރޭގައި މަޝްހޫރު ސިރްބްރިނިއްސާ ގަތުލުއާންމުވެސް ހިމެނެއެވެ. އެ ގަތުލުއާންމުގައި އެއްވެސް ހައްގަކާނުލައި ބޮސްނިޔާ މުސްލިމުންގެ ހަތްހާސް މީހުން އަނިޔާވެރި ގޮތްގޮތަށް މަރާލާފައިވެއެވެ.

ޖެނެރަލް މްލަޑިޗްގެ މައްޗަށް ހުކުމް އިއްވުމަށް ހޭދަވި ވަގުތު އެއްގަޑިއިރަށްވުރެ ދިގުލައިގެން  ވެގެންދިޔައެވެ. ޖެނެރަލް މްލަޑިޗް ހައްޔަރުކޮށް ދަ ހޭގްގައި ހުންނަ އދގެ ޚާއްސަ ކޯޓާ އޭނާ ހަވާލުކޮށްފައިވަނީ ދެހާސް އެގާރަވަނަ އަހަރު، ސަރބިޔާގެ ސަރުކާރުންނެވެ. ޖެނެރަލް މްލަޑިޗާ ދެކޮޅަށް ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ފަރާތްތަކުން ހެކިބަސް ދީފައިވާއިރު އޭނާގެ އަނިޔާވެރިކަމާއި އޭނާ ހިންގާފައިވާ ލާއިންސާނީ ޢަމަލުތައް ގިނަކަމުން ދިފާޢީ ވަކީލުންވަނީ އޭނާ ހިމާޔަތުގައި ވަކާލާތުކުރުމަށްވެސް ނުކުޅެދިފައެވެ.

މްލަޑިޗްގެ މައްޗަށް ހުކުމް އިއްވި ޝަރީއަތުގެ ތާރީޚީ މަޖިލީހަށް އިންސާނީ ހައްގުތަކާބެހޭ އދގެ ހައިކޮމިޝަނަރު ޒައިދު ބިން ރަޢްދުލްޙުސައިންއާއި އދގެ ބައެއް މަސްއޫލުވެރިންވެސް ޙާޒިރުވެވަޑައިގެންނެވިއެވެ. ޝަރީޢަތުގެ މަޖިލީހުން ނުކުމެ ވަޑައިގެން ދެއްވި ބަޔާނެއްގައި ޒައިދު ބިން ރަޢްދުލްޙުސައިން ވިދާޅުވީ ކިތަންމެ ދިގުމުއްދަތެއް ފާއިތުވެގެން ދިޔަނަމަވެސް މުޖްރިމުންނަށް އުގޫބާތުން ސަލާމަތް ނުވާނެކަން މިޝަރީޢަތުން ދުނިޔެއަށް ހާމަވެގެން ހިނގައްޖެކަމަށެވެ.

ބޮސްނިޔާގެ ސަރބުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި ޖަރީމާތައް ހިންގަން ފެށީ ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރެވެ. މި ޖަރީމާތައް ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރާ ހަމައަށް ދިގުދެމިގެންދިޔައެވެ.

ސަރބުންގެ އަނިޔާވެރިކަމުގައި ބޮސްނިޔާގެ ތިރީހަކަށް ހާސް މުސްލިމުން މަރާލާފައިވެއެވެ. އަދި ބޮސްނިޔާގެ މުސްލިމް އަންހެނުންގެ ލައްކައަކަށްވުރެ ގިނަ މީހުން ރޭޕްކޮށް އިއްފަތްތެރިކަން ނަގާލާފައިވެއެވެ. ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުގައި މްލަޑިޗް ހައްޔަރުކޮށްފައިވަނީ އޭނާ ފިލައިގެން އުޅެނިކޮށް ދެހާސް އެގާރަވަނަ އަހަރުގައެވެ.