ދުނިޔެ

ޤައުމަށްވުރެ އިސްވާންޖެހޭ އެހެން މަސްލަހަތެއް ނޯންނާނެ- ހަރީރީ


ފާއިތުވެދިޔަ ދުވަސްތަކަކީ ލުބްނާނުގެ ޤައުމީ މަސްލަހަތު އިސްކުރުމުގެ މުހިއްމުކަން އެ ޤައުމުގެ ރައްޔިތުންނަށް އަންގައިދިނުމުގެ ފިލާވަޅުތަކެއް ލިބިގެންދިޔަ ދުވަސްތަކެއްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސަޢުދުލްހަރީރީ ވިދާޅުވެއްޖެއެވެ.

ހަރީރީ ވިދާޅުވީ ލުބްނާނުގެ ރައްޔިތުންނަށް އެ މީހުންގެ ޤައުމަށްވުރެ އިސްވާންޖެހޭ އެހެން މަސްލަހަތެއް ނޯންނާނެކަމަށާ އެގޮތަށް އަމަލުކުރުމުން ޤައުމު ދާނީ ރަނގަޅު މިސްރާބަށްކަމަށެވެ. އޭނާ ބޮޑުވަޒީރުކަމުގައި ދެމިހުންނެވުމަށް ނިންމެވީ އަމިއްލަ މަސްޙަލަތަށްވުރެ ލުބްނާނުގެ ޤައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް، ބޭރޫތުގައި ކުރިޔަށްދާ ޢަރަބި އިޤުތިޞާދީ މަހާސިންތާއެއްގައި ވާހަކަދައްކަވަމުން ހަރީރީ ވިދާޅުވިއެވެ.

ލުބްނާނަކީ ސަރަހައްދުގައި ހިނގާ އަރާރުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެވޭވަރަށްވުރެ މާ ނާޒުކު ހާލަތެއްގައި އޮތް ގައުމެއްކަން ހަނދާންކުރުމަށް ލުބްނާނުގެ ރައްޔިތުންނަށާއި ސިޔާސީ ލީޑަރުންނަށް ހަރީރީ އިލްތިމާސް ކުރެއްވިއެވެ. ޙަރީރީ ވަނީ ސައޫދީގައި ހުންނަވައިގެން ލުބްނާނުގެ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވިކަން އިޢުލާންކުރެއްވުމަށްފަހު އެނބުރި ލުބްނާނަށް ވަޑައިގެން އެ ނިންމުން ބަދަލުކުރައްވައި، އަލުން މަޤާމުގައި ދެމިހުންނެވުމަށް ނިންމަވާފައެވެ.

އެގޮތަށް ނިންމެވީ ލުބްނާނުގެ ސިޔާސީ މަސްރަޙު އޮތްގޮތުން މަޤާމުގައި ހުންނެވުމަށް ރައީސް މިޝެލް އައުން އެދިވަޑައިގަތުމުން ކަމަށް ހަރީރީ ވިދާޅުވިއެވެ.