ބައިކް މޯލްޑިވްސްގެ ނޭޝަނަލް ބައިކް ޗެމްޕިއަންޝިޕް ބާއްވާއިފިއެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ނޭޝަނަލް ބައިކް ޗެމްޕިއަންޝިޕްއަކީ ބައިސްކަލު ދުއްވުމާމެދު ޢާއްމުން ހޭލުންތެރިކޮށް މިކަމުގައި ޙަރަކާތްތެރިވާ ފަރަތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބައިކް މޯލްޑިވްސްއިން ބޭއްވި މުބާރަތެކެވެ. 60 މީހުން ބައިވެރިވި މިމުބާރާތުގެ ފުރަތަމަ ދުވަހު ވަނީ އަންހެނުންގެ 200 މީޓަރާއި 4000 މީޓަރުގެ އިތުރުން ފިރިހެނުންގެ 200 މީޓަރާއި 4000 މީޓަރުގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ. އަދި މުބާރާތުގެ ދެވަނަ ދުވަހު އަންހެނުންގެ 20 ކިލޯމީޓަރާއި 30 ކިލޯމީޓަރުގެ އިތުރުން 1000 މީޓަރުގެ ސްޕްރިންޓާއި ޓީމް އިވެންޓްތައް ކުރިއަށްގެންގޮސްފައެވެ. ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ މިއީ އަދި ފެށުމެއްކަމަށާއި މިފަދަ އިތުރު މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
"މީގެ ފަނަރަ ވަރަކަށް އަހަރުކުރިން ބައިސްކަލް މުބާރާތްތައް ވަރަށް ފޯރީއާއެކު ކުރިއަށްގެންގޮސްފައިވަނީ. އަލުން އެމުބާރާތްތައް ތަޢާރަފްކުރުމަށްޓަކާ ކުރިއަށްގެންދާ އިވެންޓެއް މިއީ." އަސްމާ ވިދާޅުވިއެވެ.
އަންހެނުންގެ 20 ކިލޯމީޓަރުން އެއްވަނަ މޫމިނާ މުޙައްމަދު ވަނީ ހޯދާފައެވެ. ދެވަނަ ޒުލޭޚާ ހަސަން ދީދީ ހޯދާފައިވާއިރު ތިން ވަނަ ލިބުނީ ޝަރުދާ ޙަސަން ދީދީއަށެވެ.
ފިރިހެނުންގެ 1000 މީޓަރު ސްޕްރިންޓުގައި އެއްވަނަ ހޯދީ އަޙްމަދު އާޠިފްއެވެ. ދެވަނަ ހޯދީ އިބްރާހިމް ތައުފީޤެވެ. އަދި ތިންވަނަ ހޯދާފައިވަނީ އަޙްމަދު ވަހީދެވެ. ފިރިހެނުންގެ 50 އަހަރުން މަތީގެ 1000 މީޓަރު ސްޕްރިންޓުން އެއްވަނަ ހޯދީ އިބްރާހިމް ޝަރީފެވެ. ދެވަނަ ހޯދާފައިވަނީ ޢަބްދުﷲ ސަލީމެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޙަސަން މާހިރެވެ.
އަންހެނުންގެ 1000 މީޓަރު ސްޕްރިންޓުގައި އެއްވަނަ ހޯދީ މޫމިނާ މުޙައްމަދު އެވެ. ދެވަނަ ހޯދީ ޒުލްފާ ޢަލީ ހޯދިއިރު ތިންވަނަ ހޯދީ އަސްމާ ޙަސަން އެވެ. ފިރިހެނުންގެ 30 ކިލޯމީޓަރުގެ ބައިން އެއްވަނަ ހޯދީ އާތިފް އަޙްމަދުއެވެ. ދެވަނަ އިބްރާހިމް ތައުފީޤް ހޯދިއިރު ތިން ވަނައަށްދިޔައީ އިބްރާހިމް ސަމީރެވެ. އަންހެނުންގެ 4000 މީޓަރުން ޒުލްފާ އަލީ ވަނީ އެއްވަނަ ހޯދާފައެވެ. ދެވަނަ މޫމިނާ މުޙައްމަދު ހޯދިއިރު ތިންވަނައަށް ދިޔައީ ޒުލޭޚާ ހަސަން ދީދީއެވެ. އަންހެނުންގެ 200 މީޓަރުން ޒުލްފާ ޢަލީ ހޯދާފައިވާއިރު ޒުލޭޚާ ޙަސަންދީދީ ވަނީ ދެވަނަ ހާސިލުކޮށްފައެވެ. ތިންވަނަ ހޯދީ އާމިނަތް އާދަމްއެވެ. ފިރިހެނުންގެ 200 މީޓަރުން އިސްމާޢިލް މާދިހް ވަނީ އެއްވަނަ ހޯދާފައެވެ. ދެނަވަ މުޙައްމަދު އާދަމް ހޯދިއިރު ތިންވަނަ ހޯދީ އަޙްމަދު ވަޙީދެވެ. ފިރިހެނުންގެ 4000 މީޓަރުން އެއްވަނަ ހޯދީ އަޙްމަދު އާތިފްއެވެ. ދެވަނަ އަހްމަދު ވަޙީދު ހޯދިއިރު އިބްރާހިމް ތައުފީޤް ވަނީ ތިންވަނަ ހޯދާފައެވެ. މި ޙަރަކާތުގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުރީގެ ބައިސްކަލު ދުއްވި ބޭފުޅުންނެވެ.