ކުޅިވަރު

އެކަޑަމީ ތަކަށް އަމާޒުކޮށްގެން ފުޓްބޯޅަ މުބާރާތެއް ފަށައިފި


ބޭރުގެ ތިން އެކަޑަމީއެއް ހިމެނޭ ގޮތަށް އެކަޑަމީ ތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މިއަދު މާލޭގައި ފަށައިފިއެވެ. 

ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދާ މިމުބާރާތް އަމާޒުކޮށްފައިވަނީ ސާދަ އަހަރުން ދަށަށެވެ. މިއަދު ހެނދުނު ފެށި އިންވިޓޭޝަނަލް މިމުބާރާތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

 މައިލޯ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި ކުރިއަށްގެންދާ މިމުބާރާތުގައި އިންޑިޔާގެ އެކަޑަމީ ޓީމުން ވަނީ ސްރީލަންކާގެ މެންޗެންސްޓާރ ކޮޅަށް ހަތް ލަނޑު ޖަހާފައެވެ. 14 އަހަރުން ދަށަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖޭގެ ހަތް އެކަޑަމީއެއް ވާދަކުރެއެވެ. މީގެއިތުރުން މުބާރާތުގައި ވާދަކުރަނީ އިންޑިޔާގެ ޓިޕްސް އެކަޑަމީއާއި ސްރީލަންކާގެ މެންޗެންސްޓަރ އެކަޑަމީން ދެ ޓީމެވެ.

img:http://s3.psmnews.mv/images/660x400/15117049564340.jpg|އިންޑިޔާގެ ޓީމާއި، ލަންކާ ޓީމް މިއަދު ހަވީރު ވާދަކުރަނީ: ފޮޓޯ-ޕީއެސްއެމް

މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި މޯލްޑިވްސް ސޮކާރ މޭޓްސްގެ ޓީމުން ވަނީ އެކެއް ސުމަކުން އީގަލްސްގެ އެކަޑަމީ ޓީމް ބަލިކޮށްފައެވެ. އާލި ޓަޗް ފަންއުންޑޭޝަނުން ވަނީ ހުޅުމާލޭ ސްޕޯރޓްސް ސްކޫލްގެ މައްޗަށް އެއް ލަނޑު ސުން ލަނޑުން ކުރި ހޯދާފައެވެ.

މެންދުރު ކުރީގައި ކުޅުނު މެޗުތަކުގެ ތެރެއިން އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗު ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ. ސޮކާ ވެޓަރެންސް އެސޯސިއޭޝަންގެ ޓީމް ވަނީ އިންޑިޔާގެ ޓިޕްސް އެކަޑަމީގެ މައްޗަށް ދެ ލަނޑު ސުން ލަނޑު ކުރި ހޯދާފައެވެ. ހުޅުމާލޭ ސްޕޯރޓްސް ސްކޫލުން ވަނީ މެންޗެސްޓަރ އެކަޑަމީ ވައިޓްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މޯލްޑިވްސް ސޮކާރ މޭޓްސްގެ ޓީމް ވަނީ ހަތަރު ލަނޑު ސުން ލަނޑުން ބީޖީ ސްޕޯރޓްސް އެކަޑަމީ ބަލިކޮށްފައެވެ. އާލީ ޓަޗް ފައުންޑޭޝަނާއި ސޮކާ ވެޓަރެންސް އެސޯސިއޭޝަން ވާދަކުރި މެޗް އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ސޮކާ ވެޓަރެންސް އެސޯސިއޭޝަނެވެ. ސްރީލަންކާގެ މެންޗެސްޓާރ އެކަޑަމީ ރެޑާއި މާޒިޔާ ވާދަކުރި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

img:http://s3.psmnews.mv/images/660x400/15117049940662.jpg|އިންޑިޔާއާއި ލަންކާ އެކަޑަމީ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް މެޑަމް ޓްރޮފީ ދެއްވަނީ: ފޮޓޯ-ޕީއެސްއެމް

މިމުބާރާތުގައި މާދާމާ 9 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތް ނިމޭނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ.