ދުނިޔެ

އިސްލާމީ އަސްކަރީ އިއްތިހާދުގެ ބައްދަލުވުން އިފުތިތާޙުކޮށްފި


ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޓެރަރިޒަމާ ދެކޮޅަށް މިދިޔަ އަހަރު އުފައްދާފައިވާ އިސްލާމީ އަސްކަރީ އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ދިފާޢީ ވަޒީރުންގެ ޖަލްސާއެއް ރިޔާޒްގައި އިފްތިތާޙްކޮށްފިއެވެ.

މި ޖަލްސާ އިފްތިތާޙުކުރުމުގެ ގޮތުން ދެއްވި ތަޤުރީރުގައި ސައޫދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ، މި ޖަލްސާގެ ބޭނުމަކީ އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގައި، މުސްލިމުން މަރައި، މިސްކިތްތަކަށް ހަމަލާދީ، އެ ތަންތަން ލޭގެ ކޯރުތަކަށް ހަދަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ތަކްފީރީ ޖަމާއަތްތަކަކީ އިސްލާމް ދީނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނުން ކަމުގެ މެސެޖް ދިނުންކަމަށެވެ.

މިގޮތުން މިފަދަ ޖަމާޢަތްތަކާއި އެ ޖަމާޢަތްތަކަށް ނިސްބަތްވާ ހަރުކަށި ފަރާތްތަކަށް އިސްލާމީ ދުނިޔެއިން ޖާގަ ނުދޭނެކަމާއި، އިސްލާމްދީނުގެ ނަން ހުތުރުކުރުމަށް އެ ޖަމާއަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަކީ މި ޖަލްސާގެ އެންމެ ބޮޑު މަޤްޞަދުކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

މި ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އިސްލާމީ ޤައުމުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާނެ އާންމު ސްޓްރެޓެޖީއެއް ކަނޑައެޅުމާއި އެ ސްޓްރެޓެޖީ ތަންފީޒުކުރާނެ މެކޭނިޒަމްތަކެއް އެކުލަވާލުން ހިމެނެއެވެ. ސައޫދީ ޢަރަބިޔާގެ އިސްނެގުމާއެކު ޓެރަރިޒަމާ ދެކޮޅަށް އިސްލާމީ އަސްކަރީ އިއްތިހާދެއް އެކުލަވާލާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މި އެލަޔަންސްގައި އިސްލާމީ ޤައުމުތަކުގެ ތެރެއިން 40 ޤައުމު ބައިވެރިވާއިރު، މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.