ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު އައްބާސީ އާއި އޭނާގެ ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ވަފުދެއް ސައުދީ ޢަރަބިޔާ އަށް ވަޑައިގެންފިއެވެ.
މި ވަފުދުގައި ޕާކިސްތާން ސިފައިންގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ގަމަރު ޖާވީދާއި ޚާރިޖީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް ހިމެނިވަޑައިގަންނަވައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރާއި އިސް މަސްއޫލުވެރިން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އަންގާރަ ދުވަހު ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ޕާކިސްތާނާއި ސައޫދީ ޢަރަބިޔާގެ މަޝްވަރާތައް މައިގަނޑުގޮތެއްގައި އަމާޒުކުރާނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެއްބާރުލުން ދިނުމަށާއި ޖާސޫސީ މަޢުލޫމާތުތައް ހިއްސާ ކުރުމަށެވެ.
އެހެންނަމަވެސް ދެ ޤައުމުގެ އަސްކަރީގުޅުންތައް އިތުރަށް ބަދަހިކުރުމާއި އިގްތިޞާދީ އަދި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާ ބެހޭގޮތުންވެސް ދެ ޤައުމުގެ މަސްއޫލުވެރިންގެ މަޝްވަރާ ކުރައްވާނެކަމަށް ޚަބަރު ލިބެއެވެ.