ކުޅިވަރު

ގްރީންގެ ކޯޗުކަމުން ސޮބާ ވަކިކޮށްފި


ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހް މުހައްމަދު ވަކިކޮށްފިއެވެ.

ވިކްޓަރީ އާއި ނިއު އަދި ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ ކޯޗުކަމުން ވަކިކުރީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް ފުރުސަތު ނުލިބި ގްރީން ފޭލްވިތާ ހަ ގަޑިއިރު ފަހުންނެވެ.

ގްރީން އަށް ގަދަ ހަތަރެއްގެ ފުރުސަތު ގެއްލުނީ އިއްޔެ ހަވީރު ޓީސީ އަތުން 4-1 ން ބަލިވުމުންނެވެ. ކުލަބުން ބުނީ ސޮބާ ވަކިކުރުމުން ކުރިއަށް އޮތް އެފްއޭކަޕުގައި ކޯޗުކޮށްދޭނެ މީހަކު އަދި ނުނިންމާ ކަމަށާއި، ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގްރީން ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނީ ސޮބާ ކޯޗުކަމުގައެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދިނުމަށްފަހު އޭނާ ވަނީ މި އަހަރުގެ މާލޭ ލީގުގައި އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ. މާލޭލީގުގެ ޗެމްޕިއަންކަން ގްރީން އަށް ނުލިބުނީ މާޒިޔާއަށްވުރެ ފައިދާ ގޯލު މަދުވުމުންނެވެ. ނަމަވެސް ދިވެހި ލީގުގައި ގްރީންގެ ފެންވަރު ފެނުނީ ވަރަށް ދަށްކޮށެވެ.