ލުބްނާނުގެ ބޮޑުވަޒީރުކަމުގައި ސަޢުދުލްހަރީރީ ދެމިހުންނަވާނެކަމަށް ލުބްނާނުގެ ރައީސް މިޝެލް އައުން ވިދާޅުވެއްޖެއެވެ.
އިޓަލީގެ ނޫހެއްކަމަށްވާ ލަ ސްތަންބާ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އައުން ވިދާޅުވީ ބޮޑުވަޒީރު ހަރީރީ އަކީ ވަޠަނީ ފިކުރުގެ ބޭފުޅެއްކަމަށާއި ޤައުމުގެ މަސްލަހަތަށްޓަކައި ބޮޑުވަޒީރުކަމުގައި ހަރީރީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ލުބްނާނަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ބެހޭގޮތުން އައުން ވިދާޅުވީ ލުބްނާނުގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ތިއްބެވީ ޤައުމީ މަސްލަހަތު ކުރިޔަށްނެރެ ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް ދޫދޭން ތައްޔާރަށް ކަމަށެވެ.
މި ގޮތުން ލުބްނާނުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވަނުމުގެ ފުރުޞަތު ނެތްކަމަށްވެސް ރައީސް މިޝެލް އައުން ވިދާޅުވިއެވެ.
ސަޢުދުލްހަރީރީ ސައޫދީގައި ހުންނަވައިގެން މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އެނބުރި ލުބްނާނަށް ވަޑައިގެން އޭނާ ވަނީ މަޤާމުގައި ދެމިހުންނެވުމަށް ނިންމަވާފައެވެ. އަދި ސައޫދީގައި ހުންނެވި ދުވަސްވަރު ސައޫދީ ސަރުކާރުން އޭނާގެ ހަރަކާތްތަކަށް ހުރަސް އެޅިކަމަށް ފެތުރުނު ޚަބަރުތައްވެސް ހަރީރީ ވަނީ ދޮގުކުރައްވާފައެވެ.