ދުނިޔެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގަލްފަށް ވަޑައިގެންފި


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ސައޫދީ ޢަރަބިޔާ އާއި އުރުދުންއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވާއިރު، އެ ޤައުމުގެ އިޤްތިޞާދަށް ގެއްލުން ނުފޯރާވަރަށް ގަލްފުގެ ޤައުމުތަކާއެކު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މޭ ސައޫދީއަށް ވަޑައިގެން ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ސައޫދީ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޭ ސައޫދީ މަސްއޫލުވެރިންނާ ކުރައްވާ މަޝްވަރާތަކުގައި ސައޫދީ ސަރުކާރުން ކުރިޔަށްގެންދާ އިސްލާޙީ ޕްރޮގްރާމަށް އިނގިރޭސިވިލާތުގެ ތާއީދު އޮތްކަން ހާމަކުރައްވާނެއެވެ.

 އަދި ޔަމަނުގެ ހަނގުރާމައާއި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުންވެސް ތެރީސާ ސައޫދީ މަސްއޫލުވެރިންނާއެކު މުހިއްމު މަޝްވަރާތަކެއް ކުރައްވާނެކަމަށް ޚަބަރުތައް ބުނެއެވެ.