ރާއްޖެއިން އޭއެފްސީ ކަޕްގައި ވާދަކުރާ ދެޓީމަށް ރަނގަޅު މެޗުތަކެއް އެފްއޭއިން ހޯދައިދޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް އޭއެފްސީކަޕްގައި ވާދަކުރާ ޓީމްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ލީގު ނުފެށުމާއި، އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ރަނގަޅު މެޗުތަކެއް ނުލިބުންކަމަށެވެ. 2018 ވަނަ އަހަރުގެ ކަލަންޑަރާއި ގުޅޭ ގޮތުން ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅަ ޓީމްތަކަށް ވަރަށް ބާރު ބޮޑު އަހަރަކަށް ވާނެކަމަށާއި، އޭއެފްސީކަޕާއި، ސާފް ޗެންޕިއަންޝިޕަކީ އަންނަ އަހަރު ކުރިއަށް އޮތް ބޮޑު ދެ މުބާރާތްކަމަށެވެ.
އޭއެފްސީކަޕްގައި ދިވެހި ޓީމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރޭނަމަ، ދިވެހި ފުޓްބޯޅައަށް އެކަމުން ރަނގަޅު ފައިދާކުރާނެކަން ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަންނަ އަހަރު އެފްއޭއެމްއިން ހާއްސަ ސަމާލުކަމެއް ދީގެން، އޭއެފްސީކަޕްގައި ވާދަކުރާ ޓީމްތަކަށް ރަނގަޅު މެޗުތަކެއް ނުވަތަ ކުރު މުބާރާތެއް ރޭވުމަށް ވިސްނަމުންދާކަމަށެވެ.
"މިއަންނަ އަހަރުގެ ކަލަންޑަރު އެކުލަވާލުމުގެ މަޝްވަރާތައް މިހާރުދަނީ ކުރިއަށް. އޭއެފްސީ ކަޕަކީ އެފްއޭއެމްއިން ވަރަށް އިސްކަންދޭ މުބާރާތެއް. އެގޮތުން މިހާރުވެސް އެންމެ ބޮޑަށް މިބަލަނީ ލީގު އަވަހަށް ފެށޭތޯ. ލީގު އަވަހަށް ނުފެށިޖެނަމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ ކުރު މުބާރާތެއް ބާއްވައިގެންވެސް އޭއެފްސީކަޕްގައި ބައިވެރިވާ ޓީމްތަކަށް ރަނގަޅު މެޗުތަކެއް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން. އަދި އެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކަކަށް ހެދޭތޯވެސް އެފްއޭއެމްއިން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. މީގެ ބޭނުމަކީވެސް އޭއެފްސީކަޕްގައި ވާދަކުރާ ޓީމްތައް ރަނގަޅަށް ތައްޔާރުވުން." ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ އޭއެފްސީކަޕްގައި ރަނގަޅު ނަތީޖާތަކެއް ރާއްޖޭގެ ޓީމްތަކަށް ނެރެވޭނަމަ، އެކަމުގެ ސަބަބުން އަންނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށެވެ.