ދުނިޔެ

އުތުރުކޮރެޔާއާ ގުޅުންކަނޑާލުމަށް ގޮވާލުމުން ރަޝިޔާގެ ރައްދު


ދުނިޔޭގެ ޤައުމުތަކުން އުތުރު ކޮރެޔާއާ ގުޅުން ކަނޑާލުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ރައްދުދެއްވައިފިއެވެ. ރަޝިޔާގާ ނޫސް އެޖެންސީތަކަށް ދެއްވި ބަޔާނެއްގައި ލަވްރޯފް ވިދާޅުވީ އުތުރު ކޮރެޔާއާ ގުޅުން ކަނޑާލުމުން އެ ޤައުމުގެ ހަތިޔާރުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށާއި، ބައިނަލްއަޤުވާމީ މައްސަލަތައް ހައްލުކުރުމުގައި ހަރުކަށި ގޮތްތައް ގެންގުޅުމަކީ ގޯހެއް ކަމަށެވެ.

އުތުރު ކޮރެޔާއިން ބުދަ ދުވަހު ވަނީ ބާރަހާސް ކިލޯމީޓަރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އިންޓަރ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފައެވެ.

އެ މިސައިލް ތަޖުރިބާކޮށްފައި މި ވަނީ، އެކަން ނުކުރުމަށް އެމެރިކާއިން ހަރުކަށި އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އުތުރުކޮރެޔާގެ ތަޖުރިބާ ކުށްވެރިކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ޖަލްސާއެއްގައި އދގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހޭލީ ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުން އުތުރު ކޮރެޔާއާ ގުޅުންކަނޑާލަންޖެހޭ ކަމަށެވެ.

އުތުރުކޮރެޔާގެ މައްސަލައިގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް މީގެކުރިންވެސް ރަޝިޔާއިން ވަނީ ފާޑުކިޔާފައެވެ.