ކުޅިވަރު

ސްޕޭނާއި ޕޯޗުގަލް ވޯލްޑް ކަޕުގައި އެއް ގްރޫޕަކަށް


ރަޝިޔާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި މަޝްހޫރު ސްޕޭނާއި ޕޯޗުގަލް އެއް ގްރޫޕަކަށް އަދި ބެލްޖިއަމާއި އިނގިރޭސިން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ރަޝިޔާގެ ކްލެމެލިންގައި މިރޭ ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ސްޕޭނާއި ޕޯޗުގަލްއާއެކު ގްރޫޕް ބީގައި ހިމެނެނީ އޭޝިޔާއިން އިރާނާއި އެފްރިކާ ސަރަހައްދުން މޮރޮކޯ އެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި ވާދަކުރާ 32 ގައުމު އަށް ގްރޫޕަށް ބަހާލިއިރު އެންމެ ވަރުގަދަ ގްރޫޕަކީ ވެސް ގްރޫޕް ބީ  އެވެ.

އިނގިރޭސީންނާއި ބެލްޖިއަމާއެކު ގްރޫޕް ޖީގައި ހިމެނެނީ ޓިއުނީޝިޔާ އާއި ޕެނަމާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ހިމެނުނީ މެކްސިކޯ އާއި ކްރޮއޭޝިޔާ އަދި ކޮރެޔާއާއެކު ގްރޫޕް އެފްގައެވެ. މުބާރާތް ބާއްވާ ގައުމު ރަޝިޔާ ހިމެނުނީ އުރުގުއޭ އާއި މިސުރު އަދި ސައުދީ އަރަބިއާއެކު ގްރޫޕް އޭގަ އެވެ. މީގެ ތެރެއިން މިސުރާއި ސައުދީ އަރަބިއާ އެއްގްރޫޕަކަށް ދިއުން ގިނަ ބަޔަކު ފާހަގަ ކުރަނީ ޝައުގުވެރިކުރުވަނިވި ގޮތަކަށެވެ.

1998ގެ ޗެމްޕިއަން ފްރާންސް ހިމެނުނީ ފަސޭހަ ގްރޫޕެއްގަ އެވެ. ގްރޫޕް ސީގައި ހިމެނެނީ ފްރާންސާއެކު ޕެރޫ އާއި ޑެންމާކް އަދި އޮސްޓްރޭލިޔާ އެވެ. ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ލަޔޮނަލް މެސީގެ އާޖެންޓީނާ ހިމެނުނީ ކްރޮއޭޝިޔާ އާއި އައިސްލޭންޑް އަދި ނައިޖީރިއާއެކު ގްރޫޕް ޑީގަ އެވެ.

ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ބްރެޒިލް އެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމާއެކު އެގްރޫޕްގައި ހިމެނެނީ ސްވިޒަލޭންޑާއި، ކޮސްޓަރިކާ އަދި ސާބިއާ އެވެ. މަޝްހޫރު ކޮލަމްބިއާ ހިމެނުނީ ޖަޕާނާއި ސެނަގާލް އަދި ޕޮލެންޑާއެކު ގްރޫޕް އެޗްގަ އެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރަޝިޔާގެ ބޮޑުވަޒީރު ލަޑީމިއާ ޕުޓިން އެވެ. އަދި މި ރަސްމިއްޔާތުގައި ދުނިޔޭގެ އެހާރާއި މިހާރުގެ ކުޅުންތެރިންނާއި ކޯޗުން ބައިވެރިވި އެވެ.

ރަޝިޔާގައި ވޯލްޑް ކަޕް އޮންނާނީ އަންނަ އަހަރުގެ ޖޫން 14 އިން ޖުލައި 15 އަށެވެ. މުބާރާތް ފަށާނީ ރަޝިޔާ އާއި ސައޫދީއަރަބިޔާ ކުޅޭ މެޗުންނެވެ.