ޚަބަރު

ކޮންމެ ރަށެއްގައި އަންނަ އަހަރު ސެން ޓީޗަރެއް ހުންނާނެ


އަންނަ ދިރާސީ އަހަރު ފެށިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ނުކުޅެންދުންތެރިންކަން ހުންނަ ކުދިންނަށް ކިޔަވާދޭނެ ހާއްސަ ޓީޗަރެއް ހުންނާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީގޮތުން  މިއަދު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ ހިތާބުގައި މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މިއަހަރުގެ ޝިޔާރަކީ "ކުރިމަގު ބައްޓަންކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ".

ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދް ޒަކީ ދެއްވި ޚިޠާބުގައި އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަށް މުޖުތަމަޢުގައި ބައިވެރިވެވޭނެ މަގުފަހިކޮށްދިނުމަށް ގޮވާލައްވައިފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެފަރާތްތަކުގެ ދައުރާއި ހިއްސާ އިތުރުކުރުމަށް، އާ އަޒުމަކާއެކު މަސައްކަތްކުރުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ، ފާގަތި މުޞްތަޤްބަލެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު. އެެގޮތުން ތަޢުލީމީ ދާއިރާގައި، ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދޭ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވެދިނުމަށް 350 އަށްވުރެ ގިނަ ޓީޗަރުން މިހާރު ވަނީ ތަމްރީންކޮށްފަ. އަދި 2018 ގެ ދިރާސީ އައު އަހަރުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާނެ ޓީޗަރުން ހަމަޖެހިގެންދާނެކަން ފާހަގަކުރަން." މިނިސްޓަރ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެފަރާތްތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިލްތިމާސްއެއްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ 250 އަށްވުރެ ގިނަ މީހުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ހަމަޖައްސާދީފައިވާކަން މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ފަށާފައިވާ މަސައްކަތާއި އެކު އަމިއްލަ ކުންފުނިތަކާއި ވަޒީފާ ދޭ އެކި ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވެވުމަށް މިނިސްޓަރ ޒެނިޝާ ގޮވާލެއްވިއެވެ.  

". މިފަދަ ފަރާތްތަކަށް ދިރިއުޅުމުގައި ބޭނުންވާ ބައެއް ވަސީލަތްތަކާއި ޚިދުމަތްތައް ހޯދުމުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދޭ. މިގޮތުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދައިދިނުމަށް އަދި ބައެއް ކަހަލަ ތެރަޕީތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން އެހީތެރިވެދޭ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކިއުގައި މަޑުކުރަންނުޖެހި، ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ." މިނިސްޓަރ ޒެނިޝާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައާއި ދިވެހިރާއްޖޭގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތަފާތު ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ ތަޖުރިބާއިން ހިތްވަރު ހޯދައިގެން ކުރިއަށްދާން މަސައްކަތްކުރަންވާނެ އެކަމަނާ ފާހަގަކުރެއްވިއެވެ.

ނުކުޅެންދުންތެރިކަން ހުންނަ ކުދިންނާއި މީހުން، އަނިޔާ އާއި އިހުމާލުން ރައްކާތެރިކޮށް، އެފަރާތްތައް ބާރުވެރިކުރުމަށާއި އެހީތެރިކަން ދިނުމުގައި، ޢާއިލާތަކުގެ އިހުމާލު ނުވުމަށް މިނިސްޓަރ ޒެނިޝާ ގޮވާލެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، މުޖުތަމަޢުގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.