ކުޅިވަރު

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ކާމިޔާބުކުރީ މިސްކިތްމަގު


ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ. 

މިއަދު ހަވީރު ފެށި އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ މޯލްޑިވިއަންއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް މިސްކިތްމަގު އެންމެންގެ ގުޅުން ގެންދިޔައީ 25-19، 25-15 އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ބިދޭސީ ކުޅުންތެރިޔާ ނިރުމަލާއެވެ.

މިސްކިތްމަގު އެންމެންގެ ގުޅުން ބިނާވެފައި އޮތީ ނޭޕާލްގެ ޕްރަތިބާއާއި އިންޑިޔާގެ ނިރުމަލާގެ މައްޗަށެވެ. މޯލްޑިވިއަންގައި ހުރީ ބިދޭސީ އެންމެ ކުޅުންތެރިއެކެވެ. އެއީ ތައިލެންޑްގެ ބުއާލީ ޖެރޮސޮރީއެވެ. މެޗަށްފަހު މިސްކިތްމަގު ޓީމްގެ ކޯޗް އިސްމާޢީލް ރިފާޢު ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި، ހާއްސަކޮށް ސީދާ ތިން ސެޓުން މޮޅުވުމުން ޓީމްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށެވެ.

" މޯލްޑިވިއަންއަކީވެސް ދެރަ ޓީމެއް ނޫން. އެޓީމްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހުރުމުން، އެކަމުގެ ފައިދާ އަހަރެމެންނަށް ފަރަށް ބޮޑަށް ކުރި. މިޓީމްގައި ބިދޭސީ ދެ ކުޅުންތެރިން ތިބުމުން ޓީމް ކުޅުވުމަށާއި މެޗުން މޮޅުވުމުގައި ވަރަށް ބޮޑަށް އެހީތެރިވެގެންދިޔަ. މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ދަށްކޮށް، ނަމަވެސް މެޗްގެ ފަހު ދެ ސެޓް ދިޔައީ ވަރަށް ރަނގަޅަށް. މިމުބާރާތުގައި އެންމެ ވަރުގަދަ ވާނެކަމަށް މިބަލަނީ ޕޮލިސް ކުލަބް. އެޓީމާ ދެކޮޅަށް ނިކުންނައިރު ވަރަށް ވިސްނަން ޖެހޭނެ. މިމެޗްގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން."

img:http://s4.psmnews.mv/images/660x400/15123109004013.jpg|މިސްކިތްމަގު ކުޅުންތެރިން މެޗުގައި އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

މޯލްޑިވިއަންގެ ކޯޗް ހަސަން އަގްލީން ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއްކަމަށެވެ. ހާއްސަކޮށް ބިދޭސީ ކުޅުންތެރިޔާގެ ވަރުބަލިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށެވެ.

"ބިދޭސީ ކުޅުންތެރިޔާގެ ދަތުރު ވަރުބަލިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ. އެހެން ދިވެހި ކުޅުންތެރިންގެވެސް އެންމެ ބެސްޓް މިއަދު ނުދެއްކޭ. ކުރިއަށް ހުރި މެޗުތަކުގައި ވަރަށް ބައިވަރު ކަންތައްތައް ރަނގަޅު ކުރަން އެބަޖެހޭ. ހާއްސަކޮށް އެޓޭކް ކުރުން ރަނގަޅު ކުރަން އެބަޖެހޭ. ބިދޭސީ އެންމެ ކުޅުންތެރިއަކު ލައިގެން މުބާރާތުގައި ކުރިއަކަށް ނުދާނެ. އަހަރެމެން އެބަ ގެންނަން ބިދޭސީ އިތުރު ކުޅުންތެރިއަކު. ކުރިއަށް ހުރި މެޗުތަކުގައި އެކުޅުންތެރިޔާވެސް ފެންނާނެ. އަދި ޤައުމީ ޓީމްގައި ހިމެނޭ އައިޝަތު މާޖިދާވެސް ޓީމާ ގުޅޭނެ. މިކުޅުންތެރިން ޓީމާ ގުޅުމުން ޓީމް ތަފާތުވާނެ."

މިމުބާރާތުގެ އަންހެންބައިގެ މެޗްއެއް ދެ ކުޅޭނީ މާދަމާ ހަވީރުއެވެ. ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުންމާއި ޕޮލިސް ކުލަބެވެ.