ދުނިޔެ

ޔަމަންގެ ކުރީގެ ރައީސް އަލީ ޢަބްދުﷲ ޞާލިޙް އަވާރަކޮށްލައިފި


ޔަމަންގެ ކުރީގެ ރައީސް އަލީ ޢަބްދުﷲ ޞާލިޙް އަވާރަކޮށްލިކަން ހޫޘީންގެ ދާޚިލީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

ޔަމަންގައި ހޫޘީން އުފައްދާފައިވާ ބަޣާވާތުގެ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ ޞާލިޙް އަވަހާރަކޮށްލީ އޭނާގެ ގެކޮޅު ގޮއްވާލައިގެން ކަމަށެވެ.  ސާލިޙްގެ ޕާޓީ ކަމަށްވާ ޖެނެރަލް ޕީޕަލްސް ކޮންގްރެސްއިން ވެސް ވަނީ ޙޫޘީންގެ ހަމަލާތަކެއްގައި ރައީސް ޞާލިޙް އަވަހާރަކޮށްލިކަން ކަށަވަރުކޮށްދީފައެވެ.

ޞާލިޙްގެ ޕާޓީގެ މަސްއޫލުވެރިއަކު ވިދާޅުވީ ހޫޘީ ހަނގުރާމަވެރިން ޞާލިޙް އަވަހާރަކޮށްލީ، އޭނާގެ މޮޓޯކޭޑް ގަދަބާރުން ހުއްޓުވުމަށްފަހު، ޞާލިޙް އިންނެވި ކާރުކޮޅަށް ބަޑިޖަހައިގެން ކަމަށެވެ. ޞާލިޙްގެ މޮޓޯކޭޑް ދަތުރުކުރަމުން ދިޔައީ ވެރިރަށް ސަންޢާއިން ފުރައިގެން އޭނާގެ އުފަން ރަށްކަމަށްވާ ސަންޙާނަށް ކަމަށް ޖެނެރަލް ޕީޕަލްސް ކޮންގްރެސް އިން ބުނެއެވެ. ހޫޘީން ތަންކޮޅެއްކުރިން ވަނީ ރައީސް ޞާލިޙްގެ ހިމާޔަތުގައި މަސައްކަތްކުރާ ބާރުތަކުގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ޙުސައިން ހަމީދީގެ ހަށިކޮޅަށްވެސް ބަޑިޖަހައި އަވަހާރަ ކޮށްލާފައެވެ.

ސާލިޙަކީ ޔަމަންގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހޫޘީ ޖަމާއަތާ ގުޅިގެން މިހާތަނަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޞާލިޙާއި ޙޫޘީންނާ ދެމެދު މައްސަލަޖެހި ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިންގަންފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހޫޘީންނާއި ސާލިޙްގެ ބާރުތަކާ ދެމެދު ހަނގުރާމަ ހިނގަން ފެށުމާއެކު ސާލިޙް ވަނީ ޔަމަންގެ ޝަރުޢީ ސަރުކާރުގެ ހިމާޔަތުގައި މަސައްކަތްކުރާ ޢަރަބި ކޯލިޝަންއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

އަދި މިއާއެކު ޢަރަބި ކޯލިޝަނުންވެސްވަނީ ޞާލިޙްގެ ހިމާޔަތުގައި ހޫޘީންގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.