ދުނިޔެ

ސަޢުދީގައި ނިއުކްލިޔަރ ޕްރޮގްރާމެއް ހިންގަން ބިޑަށް ހުޅުވާލައިފި


ސައޫދީގައި މަދަނީ ނިއުކްލިޔަރ ޕްރޮގްރާމެއް ތަރައްޤީ ކުރުމުގައި ބައިވެރިވުމަށް އެމެރިކާގެ ކަމާބެހޭ ކުންފުނިތަކަށް ސައޫދީ ސަރުކާރުން ގޮވާލައިފިއެވެ.

ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު ޚާލިދް އަލް ފާލިޙް ވިދާޅުވީ ސައޫދީގައި މަދަނީ ނިއުކްލިޔަރ ޕްރޮގްރާމެއް ތަރައްޤީ ކުރުމުގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެމެރިކާގެ ކުންފުނިތަކަށް ދަޢުވަތު ދީފައިވާނެ ކަމަށާއި ޕްރޮޕޯސަލްތައް ހުށަހެޅުމުން އެ ތަކެތި ބަލައި އިވެލުއޭޓްކުރުމަށްފަހު އެންމެ ރަނގަނޅު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏަކާ މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

އެހެންނަމަވެސް މެދުއިރުމަތީގައި ނިއުކްލިޔަރ ގާބިލްކަންހުރި ހަމައެކަނި ޤައުމަކީ އިސްރާއީލު ކަމަށް ހެދުމަކީ އެމެރިކާ ސްޓްރެޓެޖީއެކެވެ. މި ސްޓްރެޓެޖީ ތަންފީޒުކުރުމަށް އެމެރިކާ އާއި އިސްރާއީލު ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސައޫދީ ވަޒީރު ވިދާޅުވީ ސައޫދީގައި ނިއުކްލިޔަރ ރިއެކްޓަރެއް ބިނާކުރުމުގެ ބޭނުމަކީ ނިއުކްލިޔަރ ރީސަރޗް ކުރުމާއި މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ ތަރައްޤީކުރުންކަމަށެވެ. އަދި ސައޫދީގައި ނިއުކްލިޔަރ ރިއެކްޓަރެއް ބިނާކުރިކަމުގައިވިޔަސް، އަސްކަރީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ ތަރައްޤީ ނުކުރާނެކަމުގެ ޔަޤީންކަންދެއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.