ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ބައިގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
މޯލްޑިވިއަން ދެވަނަ މެޗު ކާމިޔާބުކުރީ ސީލައިފް ސްޕޯރޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިވިއަން ގެންދިޔައީ 25-20، 29-27 އަދި 25-21 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ އައިމަލް ޙާންއެވެ.
މެޗަށްފަހު މޯލްޑިވިއަންގެ ސެޓަރު ހުސެއިން ވިޝާމް ބުނީ ސީ ލައިފް ފަދަ ވަރުގަދަ ޓީމެއް ސީދާ ތިން ސެޓުން ބަލިކުރެވުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އެއްވެސް މެޗަކުން ބަލިވާން ބޭނުން ނުވާކަމަށާއި، ލީގަކަށް ވުމުން ބޭނުންވަނީ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ލީގު ހޯދުންކަމަށް ވިޝާމް ބުންޏެވެ.
" ސީލައިފް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް އެންމެ ހިތްހަމަ ޖެހޭވަރަށް ކުޅެވުނުހެން ހީވަނީ. ބައެއް ބޭފުޅުންގެ ފޭވަރިޓުންނަށް މޯލްޑިވިއަން ވެދާނެ، އަނެއް ބައިމީހުންގެ ފޭވަރިޓުންނަށް ސީލައިފްވެސް ވެދާނެ. އަޅުގަނޑުމެން ނިކުތީ މުބާރާތުގައި ކާމިޔާބީ ހޯދަން."
ސީލައިފް ސްޕޯރޓްސް ކުލަބްގެ ކޯޗް ސައްޔިދު އަލީ ބުނީ މެޗު ދިޔަގޮތާ މެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަމަށާއި ތިނެއް ސުމަކުން ބަލިވުމުން ޓީމަށް އިތުރު ޕްރެޝަރެއް ކުރިމަތިވެފައިވާކަމަށެވެ.
"މެޗުން ބަލިވީ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވެގެން. އަޅުގަނޑުމެން ބޭރުން ގެނައި ކުޅުންތެރިޔާއަށްވެސް އަދި ކޯޗުން ބޭނުންވާ ގޮތަކަށް ނުކުޅެވޭ. މުބާރާތުގައި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހުނު، ހާއްސަކޮށް މިމެޗްގައި ރިސީވް ދިޔައީ ވަރަށް ބޮޑަށް ދަށްކޮށް."
މޯލްޑިވިއަންއަށް އެޓީމް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ސީލައިފަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. މިމުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ޑިވިޝަންގެ މެޗެކެވެ. ވާދަކުރާނީ މޯލްޑިވިއަންއާއި ޕޮލިސް ކްލަބެވެ. މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ސީލައިފެވެ.