ކުޅިވަރު

ޕޮގްބާ އަށް ދެއްކި ރަތްކާޑު އިސްތިއުނާފު ނުކުރަން ނިންމައިފި


އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް 3-1 ން މޮޅުވި މެޗުގައި ޕައުލް ޕޮގްބާ އަށް ދެއްކި ރަތްކާޑު އިސްތިއުނާފު ނުކުރަން ޔުނައިޓެޑުން ނިންމައިފިއެވެ.

މިހެންވެ ޕްރެމިއަރ ލީގުގައި ޔުނައިޓެޑަށް ކުރިއަށް އޮތް ތިން މެޗުގައި ވެސް ޕޮގްބާ އަށް ނުކުޅެވޭނެއެވެ. އެއީ ބޯޅަ ނެތީސް އާސެނަލްގެ ހެކްޓާ ބެލަރިން އަށް ނުރައްކާތެރި ފައުލެއް ކުރުމުން ދެއްކި ރަތްކާޑުގެ ސަބަބުންނެވެ.

ކުރިން ބެލެވިފައި އޮތީ ޔުނައިޓެޑުން އެ ރަތްކާޑު އިސްތިއުނާފު ކުރާނެ ކަމަށެވެ. އެއީ އިސްތިއުނާފު ކޮށްފިނަމަ އާދީއްތަ ދުވަހު ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕޮގްބާ އަށް ކުޅުމުގެ ފުރުސަތު ލިބެން އޮތުމުންކަމަށެވެ. ނަމަވެސް އިއްޔެ މެންދުރު ދޭއް ޖެހިއިރު އިސްތިއުނާފު ކުރުމުގެ މުހުލަތު ހަމަވިއިރު ޔުނައިޓެޑުން ނިންމީ ފުރުސަތު ދޫކޮށްލާށެވެ. އިނގިރޭސި ނޫސްތަކުން ބުނަނީ ޔުނައިޓެޑުން ފުރުސަތު ދޫކޮށްލީ މައްސަލަ ކާމިޔާބުނުވާނެކަން ޔަޤީންވުމުން ކަމަށެވެ.

ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޕޮގްބާ ހުރީ ސިޓީއާ ދެކޮޅަށް ނުކުޅެވޭތީ ވަރަށް ދެރަވެފައި ކަމަށާއި އޭނާ އަކީ ގަސްތުގައި ކުޅުންތެރިންނަށް ހަމަލާދޭން ބޭނުންވާ ކުޅުންތެރިއެއްނޫން ކަމަށެވެ. އަދި އާސެނަލް މެޗުގައި ބެލަރިންގެ ފަޔަށް އެރުނީ ގަސްތުގައި ނޫން ކަމަށެވެ.

ސިޓީއާ ދެކޮޅަށް ޕޮގްބާ ކުޅުވަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހުރީ ވަރަށް ބޭނުންވެފައެވެ. އެއީ ޕޮގްބާ ނެތި ސިޓީ މޮޅުވުމަކީ ހަޤީޤީ މޮޅުވުމެއްނޫން ކަމަށް ޕޮގްބާ ބުނެފައިވާތީއެވެ.