ޚަބަރު

ސިއްޙީ ދާއިރާއިން ފަސް އަހަރުދުވަހުގެ ދުރުރާސްތާ ޕްލޭން އިފްތިތާހް ކޮށްފި





 


ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެކުލަވާލާ ފަސް އަހަރުދުވަހުގެ ދުރުރާސްތާ ޕްލޭން އިފްތިތާހް ކޮށްފިއެވެ.


 
މިއަދު ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރ ޑރ މަރިޔަމް ޝަކީލާއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަކީލާ ވިދާޅުވީ ސިއްހީ ދާއިރާގައި ގޮންޖެހުންތަކެއް ހުރިކަމުގައި ވީނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުންތަކެއް ހާސިލް ކޮށްފައި ވާކަމަށެވެ.


 
ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުންތަމުރީންކުރުމުގައި ހުރި ވަސީލަތްތައް މަދުކަން ގަބޫލުފުޅުކުރައްވާކަމަށާއި ސިއްހީ ދާއިރާގެ ނިޒާމުގެ ދަށުން ހެލްތު ވޯކަރުން ތަމުރީން ކުރުމުގައި ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



 

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށްޓަކައި މިފަދަ ޕްލޭނެއް ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 


 
ހެލްތު މިނިސްޓްރީން ބުނީ މިއަދު އެކުލަވާލެވުނު ޕްލޭނަކީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޕްލޭނެއްކަމަށެވެ.  އޭގެ ތެރޭގައި ސިއްޙީ ދާއިރާއަށް ބޭނުންވާ  ފަންނީ ޕްރޮފެޝަނަލް މީހުން ބިނާކުރުމާއި ސިއްހީ ދާއިރާގައި މިހާރު ތިބި ޕްރޮފެޝަނަލް މީހުން ވަޒީފާގައި ދެމިތިބުމަށް ބާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ އިތުރުން  މީހުން ތަމުރީންކުރުމާއި ސިއްޙީ ދާއިރާގެ މެނޭޖްމެންޓާއި ލީޑަރޝިޕް ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މިއަދު އިފްތިތާހު ކުރެވުނު މި ޕްލޭނަކީ ޑަބްލިޔު. އެޗް.އޯގެ އެހީތެރިކަމާއެކު އެކުލަވާލެވުނު ޕްލޭނެއްކަމަށާއި މި ޕްލޭން އެކުލަވާލެވުމުގައި ސިއްޙީ ދާއިރާއާއި ގުޅުން ހުރި ފަރާތްތަކުގެ އެއްބާރުލުން ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.


 
 


އަލަށް އެކުލަވާލެވުނު މި ޕްލޭންގައި އަލި އަޅުވާލެވިފައިވަނީ މިހާރުގެ ސިއްޙީދާއިރާގެ ޙިދުމަތްތެރިންގެ މިހާރުގެ ޙާލަތައްބަލާ ކުރިއަށް އޮތްތަނުގައި ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި މުވައްޒަފުން އިތުރަށް ހޯދުމުގެ އިތުރުން  މުވައްޒަފުންނަށް ލިބެންވާ އިނާޔަތާއި ފުރުސަތުތަކުގެ  އިތުރުން މުޅިސިއްހީ ދާއިރާގެ ކުރި އެރުމަށް ބޭނުންވާ ކަންތައްތަކަށް އަމާޒުކުރެވިފައިވާ ޕްލޭނެއް ކަމަށް  ހެލްތު މިނިސްޓުރީން ބުނެއެވެ.