އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ޤުދުސަށް ބަދަލުކުރުމާމެދު ގޮތެއް ނިންމުން އެމެރިކާގެ ރައީސް ފަސް ކުރައްވައިފިއެވެ.
މިކަން ކަށަވަރުކޮށް ދެއްވަމުން ވައިޓް ހައުސްގެ ތަރްޖަމާނުގެ ނައިބު ހޯގަން ގިޑްލޭ ވިދާޅުވީ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމާބެހޭ ޤަރާރުގައި ސޮއިކުރުމުގެ ކަންތައް ފަސްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ.
އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ މައްސަލަ ފަސްކުރުމަށް ޓްރަމްޕް މި ނިންމެވީ މިމައްސަލައިގައި ފަލަސްތީނުން އެމެރިކާއަށް އިންޒާރެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
މި އިންޒާރުގައި ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވަނީ، އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފިނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ގަބޫލުނުކުރާނެ ކަމަށާއި، މިކަމުގައި ފަލަސްތީނުން ކުޑަވެސް ދުލެއް ނުދޭނެކަމަށެވެ.
ފަލަސްތީނުގެ އެހެން މަސްއޫލުވެރިއެއްކަމަށްވާ ސާއިބު އުރައިގާތު ވިދާޅުވީ، އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފިނަމަ އިސްރާއީލަކީ ދަޢުލަތެއްކަމަށް ޤަބޫލު ނުކުރުމުގެ އިތުރުން އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުންވެސް ނިމުމަކަށް ގެންނާނެކަމަށެވެ.
ޤުދުސަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ ހުންނަ ރަށްކަމަށްވާތީ، ޤުދުސްގެ މައްސަލައަކީ ފަލަސްތީނުގެ އިތުރުން މުޅި އިސްލާމީ އުންމަތާވެސް ގުޅިފައިވާ މައްސަލައެކެވެ.
އެމެރިކާގެ އެންބަސީ ޤުދުސަށް ބަދަލުކުރުމަކީ ޤުދުސަށް ވެރިވެގަތުމަށް އިސްރާއީލު ނިންމާފައިވާ ޣައިރު ގާނޫނީ ނިންމުން އެމެރިކާ ޤަބޫލުކޮށް، ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިޢުތިރާފުވުމެވެ.
މިކަން މިގޮތަށް ކޮށްފިނަމަ އެމެރިކާ ހީނުކުރާވަރުގެ ބޮޑެތި ގޮންޖެހުންތަކަކާ މެދުއިރުމަތީގައި އެމެރިކާއަށް ކުރިމަތިލާންޖެހޭނެ. އަދި މެދުއިރުމަތީގައިވާ އެމެރިކާގެ ބާރާއި ނުފޫޒަށްވެސް ވަރަށް ބޮޑު ލޮޅުމެއް އަރާނެއެވެ.
މިކަމުގެ ޙައްސާސްކަމާއި ނާޒުކު ކަމުގެ އިންޒާރު ފަލަސްތީނުގެ އިތުރުން ތުރުކީވިލާތްފަދަ އިސްލާމީ ޤައުމުތަކުންވެސް އެމެރިކާއަށްވަނީ ދީފައެވެ.
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް އިޢުތިރާފުވާފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާ އޯއައިސީ އިންވެސްވަނީ ހޯމަދުވަހު އެމެރިކާއަށް ގޮވާލާފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމުގެ މައްސަލާގައި ޓްރަމްޕް ދެން ގޮތެއް ނިންމަވާނީ މިކަން އިތުރަށް ދިރާސާކުރެއްވުމަށްފަހު ތަންކޮޅެއް ފަހުންކަމަށެވެ.