ދުނިޔެ

ޤުދުސްގެ މައްސަލައިގައި އެމެރިކާ އާއި އިސްރާއީލު އެކަހެރިވެފައި


އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށާއި ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމުގައި އިޢުތިރާފުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާމެދު އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ފާޑުކިޔައި، އެ ނިންމުން ކުށްވެރިކުރުމުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާ އެކަހެރިވެގެން ހިނގައްޖެއެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އދގެ މަންދޫބު ނިކޮލޭ މްލަޑިނޯފާއި ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާ ފިޔަވައި އެހެން ޤައުމުތަކުގެ މަންދޫބުން ވަނީ ޓްރަމްޕްގެ ނިންމެވުން ކުށްވެރިކުރައްވައި އެމެރިކާގެ ހަރުކަށި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޤުދުސް އިސްރާއީލުގެ ތަނަކަށް ހެދުމަށް ތާއީދުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި އަސާސެއްނެތް، ޣައިރު ޤާނޫނީ ނިންމުމާ ދެކޮޅަށް ތެދުވަމުންދަނީ ހަމައެކަނި ޢަރަބި ދުނިޔެއާއި އިސްލާމީ އުއްމަތެއް ނޫނެވެ.  އޭޝިޔާގެ ގައުމުތަކާއި ވިލާތާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ޤައުމުތަކުގެ ސަރުކާރުތަކާއި އެ ޤައުމުތަކުގެ ރައްޔިތުންވެސް ގެންދަނީ މިކަމާދެކޮޅަށް އަޑުއުފުލައި ޓްރަމްޕްގެ ނިންމުން ކުށްވެރިކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާ އާއި އެމެރިކާ ހިމާޔަތުގައިވާ އިސްރާއީލުވަނީ ބައިނަލްއަޤުވާމީ މުޖްތަމައުގައްޔާއި އދގައި ވަރަށް ބޮޑަށް ކުށްވެރިވެ، އެކަހެރިވެ، އަމިއްލަ ނަފްސުގެ ދިފާޢުގައި ވާހަކަދައްކަންވެސް ލަދުގަންނަންޖެހޭ ހިސާބަށް ގޮސްފައެވެ. މިކަން ހާމަވެގެން ގޮސްފައިވަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުން މުޅި ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކު އެމެރިކާއާ ދެކޮޅަށް ކުރަމުންގެންދާ މުޒޒާހަރާތަކުންނާއި ހުކުރުދުވަހު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޤައުމުތަކުންވެސްވަނީ ޤުދުސް ދިފާޢުކޮށް، އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ އިތުބާރާއި، ޒިންމާދާރުކަމާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އެމެރިކާ ބޯލަނބާ މިންވަރާމެދުވެސް ސަލާމަތީ މަޖިލީހުގެ މެންބަރުން ވަނީ ސުވާލު އުފައްދާފައެވެ. މީގެއިތުރުން އެމެރިކާއަކީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރެވިދާނެ ޤައުމެއްކަމާމެދުވެސް މިހާރުވަނީ ސުވާލު އުފައްދާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގެ ކުރިމަތީގައި މިހާ ދަށުދަރަޖައަކަށް އެމެރިކާ އަގު ވެއްޓިގެންދިޔަ ފުރަތަމަ ފަހަރެވެ. ސަލާމަތީ މަޖިލީހުގެ ޖަލްސާގައި އެމެރިކާއަށް ކުރިމަތިވި ބަހުގެ ހަމަލާތަކަށް އެމެރިކާގެ މަންދޫބު ނިކީ ހޭލީއަށް ރައްދު ދެވިފައެއްނުވެއެވެ. ޓްރަމްޕްގެ ނިންމުމުގެ ދިފާޢުގައި ހޭލީ ދެއްކެވި ވާހަކަތަކަށް ސަލާމަތީ މަޖިލީހުގެ މެންބަރުން ސަމާލުކަމެއްވެސް ދީފައެއް ނުވެއެވެ. އަދި ޤުދުސްގެ މައްސަލައިގައި އެމެރިކާ ވަނީ ބައިނަލްއަޤުވާމީ ޤާނޫނަށް ނުކިޔަމަންތެރި ޤައުމެއްގެ ގޮތުގައި ސިފަވެގެން ގޮސްފައެވެ.