ކުޅިވަރު

ޔުނައިޓެޑް - ސިޓީ މެޗު ނުދައްކާނީ އެންމެ 4 ޤައުމުގައި


މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ވާދަވެރި ދެ ޓީމެވެ. މި ދެ ޓީމުގެ ކުރިމަތިލުންތަކަކީ ލީގުގައި އެންމެ ގިނަ ބަޔަކު ބަލާ މެޗެވެ. ޓޭބަލުގެ ކުރީގައި އޮތް މި ދެ ޓީމު މިރޭ އަލުން ކުޅޭ މެޗަކީ ރެކޯޑް އަދަދަކަށް މީހުން ބަލާނެ މެޗެކެވެ.

މި ދެ ކުލަބުގެ ކުރިމަތިލުންތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލީ 2012 ވަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗެވެ. ޕްރެމިއާ ލީގު ކާމިޔާބު ކުރާނެ ބަޔަކު ކަނޑައަޅަން ދެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް އެ ފަހަރު ތަށި އުފުލާލީ މެންޗެސްޓާ ސިޓީއެވެ. ޖުމްލަ 4 މިލިއަނަށްވުރެ ގިނަ މީހުން އެ މެޗު ބަލި ނަމަވެސް މިރޭގެ މެޗާއެކު މި އަދަދު ފަހަަނައަޅައިދާނެއެވެ. އެއީ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅޭ މި މެޗު އެއް ބިލިއަނަށްވުރެ ގިނަ މީހުން ބަލާނެތީވެއެވެ. އދ.ގެ މެމްބަރު 193 ޤައުމުގެ ތެރެއިން މި މެޗު 189ގައި ވަގުތުން ދުރަށް ދައްކާނެއެވެ. މި ހުރިހާ ޤައުމަކަށް މެޗު ވަގުތުން ދުރަށް ދެއްކުމަށް 26 ބްރޯޑްކާސްޓް ކުންފުނިތަކުން މަސައްކަތް ކުރާނެއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ޕްރެމިއާރ ލީގުގެ ރަސްމީ ޓީވީ ފިޔަވައި އެެހެން އެއްވެސް ބަޔަކަށް ޗޭންޖިން ރޫމާއި ޓަނަލް ނެގުން މަނާކޮށްފައެވެ. އެއީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އުކުޅުތައް ހޯދައި ބަލައި ލީކުކޮށްފާނެތީވެއެވެ.

މެންޗެސްޓާގެ ޔުނައިޓެޑާއި - ސިޓީގެ މެޗު ނުދައްކާނީ އެންމެ ހަތަރު ގައުމެއްގައެވެ. އެއީ އުތުރު ކޮރެޔާ އާއި ކިއުބާގެ އިތުރުން ނޭވީސް އަދި މޯލްޑޯވާގައެވެ.

މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ވާދަވެރި މެޗެކެވެ. ދެ ޓީމުގެ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ދެ ކުލަބުގެ ތާރީހަކީ ވެސް ވާދަވެރިކަމުން ފުރިގެންވާ އެތަކެއް ކުލަވަރުތަކުން ޖަރީވެފައިވާ ކަމެކެވެ. ނަމަވެސް މި ދުވަސްވަރަކީ ޔޫރަޕަށް ފިނިމޫސުމަށްވެފައި ވެހެމުންދާ ސްނޯގެ ސަބަބުން ދެ ކުލަބުގެ އޮފީސްތައް ހުޅުވުމާއި އެނޫން ކަންކަމަށް ވެސް ވަނީ ބުރޫއަރާފައެވެ.