ޚަބަރު

އަޤުޞާއަށް މިވަގުތު ދިވެހިން ދަތުރުނުކުރުމަށް އެދެފި


ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ނިންމުމުން އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާތީ އުމްރާ ދަތުރުތަކުގައި ދިވެހިން މަސްޖިދުލް އަޤުޞާއަށް ދަތުރުނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މެދު އިރުމަތީގެ މަސްރަހު ހޫނުވެ މިހާރު އެ ސަރަހައްދުގައި ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން  މިވަގުތު މަސްޖިދުލް އަޤުޞާއަށް ދަތުރުކުރުމަކީ އެންމެ ރައްކާތެރި ކަމެއްކަމުގައި ނުފެންނަކަމަށެވެ، އަދި ކަމާއި ބެހޭ ފަރާތްތަކުން ވަކިގޮތަކަށް އަންގަންދެން އުމްރާ ދަތުރުތަކުގައި ތިން ޙަރަމަށް ދަތުރުކުރުމުގެ ގޮތުން މަސްޖިދުލް އަޤުޞާއަށް ޒިޔާރަތްކުރާގޮތަށް އުމްރާ ދަތުރުތައް އިންތިޒާމުނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އާއްމުކޮށް އަންގާފައެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދާ ގިނަ ގްރޫޕްތަކުން ތިން ޙަރަމް ދަތުރުތަކުގައި މުސްލިމުންގެ ފުރަތަމަ ގިބްލަ މަސްޖިދުލް އަޤުޞާއަށް ދިވެހި އުމްރާވެރިން ގެންދެއެވެ.

މުސްލިމުންގެ ފުރަތަމަ ޤިބްލަ މަސްޖިދުލް އަޤުޞާ ހުންނަ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގެންފައިވާކަން އެ ޤައުމުގެ ރައީސް ޑޮނަލް ޓްރަމްޕް އިއުލާންކުރެއްވީ މިދިޔަ ބުދަދުވަހުއެވެ. ޓްރަމްޕް މި ނިންމެވުން ނިންމަވާފައިވަނީ މުޅި ދުނިޔެ އެކަމާއި ދެކޮޅު ހަދަމުންދަނިކޮށެވެ. އަދި މި ނިންމުމާއި ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުންގައި އިހްތިޖާޖްތައް ބާއްވަމުންދާއިރު ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރާއީލު ސިފައިންނާއި ދެމެދުވެސް އަންނަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.