ކުޅިވަރު

މޯލްޑިވްސް ފުޓްބޯލް އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި


އެފްއޭއެމް މޯލްޑިވްސް ފުޓްބޯޅަ އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ވެސް އަލީ ފާސިރު (ސެންޓޭ) ނޮމިނޭޓްވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެވޯޑްސް ނައިޓުގެ ކުރިން އިއުލާނުކުރި ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސެންޓޭއާއެކު ނިއުގެ ދެ ކުޅުންތެރިންނެވެ. އެއީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ހަމްޒާ މުޙައްމަދެވެ. މި މަގާމަށް ދެން ވާދަ ކުރަނީ ޓީސީގެ އިބްރާހީމް މަހުދީ ހުސައިން އާއި ނާއިޒް ހަސަން (ދާދު)އާއި މާޒިޔާގެ މުހައްމަދު އުމެއިރެވެ. 

އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ނިއުގެ ކޯޗު އޮސްކާ ބުރޮޒޮން އާއި ދިވެހި ލީގުގެ ފަހުކޮޅު މާޒިޔާއިން ވަކިވި ކޯޗު މާޔަން ސްކުލޮވްސްކީ އާއި ޓީސީގެ ކޯޗު މުޙައްމަދު ނިޒާމެވެ. މީގެ ތެރެއިން ނިޒާމަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗެވެ.

ފުޓްބޯލް އެވޯޑްސްގައި ފުރަތަމަ ފަހަރަށް ހޮވާ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއުރޭޑިއަންޓަށް ކުޅުނު ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލަޑޯއާއި އެ ޓީމުގެ މިޑްފީލްޑަރު އެންޖެލް ރުއިޒް (ކަންޑޭލާ)އާއި ޓީސީގެ ނޭޕާލް ކީޕަރު ކިރަން ކުމާރު ލިމްބޫއާއި، އެ ޓީމުގެ ފޯވަޑް ސްޓެވަޓް ކޯނޭ އާއި ގްރީން ސްޓްރީޓްސް އަށް ކުޅުނު ސޯބޯލް އިލިއާއެވެ.

މި އަހަރު އަލަށް ހޮވަން ފަށާ އެންމެ މޮޅު ކީޕަރުގެ މަގާމަށް ވާދަކުރަނީ ނިއުގެ ދެ ކީޕަރުން ކަމަށްވާ އިމްރާނު މުހައްމަދާއި މުހައްމަދު ފައިސަލް އާއި ޓީސީގެ ކީޕަރު ނޭޕާލްގެ ލިމްބޫ ކިރަން ކުމާރާއި މާޒިޔާގެ ސީރިއާ ކީޕަރު މުހައްމަދު އަލްޔޫސުފާއި ގްރީން ސްޓްރީސްޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީއެވެ.

މި މަގާމުތަކަށް އިނާމް ދިނުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެފްއޭއެމް އެވޯޑްސް ނައިޓްގައެވެ.