ކުޅިވަރު

މާޒިޔާ ބަލިކޮށް ޓީސީ ފައިނަލަށް


މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ. 

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލް މެޗްގައި ރޭ މާޒިޔާ  އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް ޓީސީން ކާމިޔާބުކުރީ  2 ލަނޑު 0 ލަނޑުންނެވެ. 

މެޗްގައި ފެނިގެން ދިޔަ ދެ ގޯލްވެސް ޓީސީން ކާމިޔާބުކޮށްފައި ވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. ޓީސީން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޓީސީގެ ޒުވާން ފޯވާޑް ނާއިޒް ހަސަން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ މާޒިޔާގެ ޑިފެންޑަރ ސަމޫހް އަލީގެ އަތުގައި ޖެހުމުގެ ސަބަބުން ޓީސީއަށް ލިބުނު ޕެނަލްޓީ މެޗް ބާރަ ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އީސާ އަލްމަގްރަބީއެވެ. 

މާ ބޮޑު ފޯރިއެއް ނެތް މި މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ޓީސީގެ ދެވަނަ ލަނޑަކީވެސް އެޓީމަށް ކުޅުމެން އަންނަ ބިދޭސީ ކުޅުންތެރިއެއް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު މެޗްގެ 38 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޙަލީލެވެ. 

މާޒިޔާގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު އުމައިރު ދެވަނަ ހާފުގައި ކުޅެން ނުކުތުމުން މާޒިޔާއިން ގޯލެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. މެޗްގެ ފަހު ވަގުތު ކޮޅު ޓީސީގެ ޕެނަލްޓީ އޭރިއާ ލައިން މަތިން ކަހަލަގޮތަކަށް މާޒިޔާއަށް ލިބުނު ދެ ހިލޭ ޖެހުންވެސް އުމެއިރު ފޮނުވާލި ނަމަވެސް އޭގެން އެއް ހަމަލާ ޓީސީގެ ޑިފެންޑަރ އައްޒާމް ދިފާއު ކުރި އިރު އަނެއް ހަމަލާ ވަނީ ޓީސީގެ ގޯލް ކީޕަރު ދިފާޢުކޮށްފައެވެ. 

މި ނަތީޖާއާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމިފައެވެ. 

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި އަންނަ ހުކުރު ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހޭނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާރ ލީގް އަދި އެފް.އޭ ކަޕް ވެސް ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެވެ. 

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޓީސީ އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗް ކާމިޔާބުކުރީ ކްލަބް އީގަލްސްއެވެ.