އަލަށް ފޭސްބުކްގައި ހިމެނި ރާއްޖޭގެ ރީތި ވެށްޓާއި ޘަޤާފަތާއި އާދަކާދަ ދައްކައިދޭ 46 ވީޑިއޯ ދެހަފްތާ ތެރޭގައި ހަރަތުސަތޭކަ ހާހަށްވުރެ ގިނަ މީހުން ބަލައިފއެވެ. މި ވީޑިއޯތަކަކީ ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ބޭއްވި އެޑްވެންޗަރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ބައިވެރިން މުބާރާތަށް ހުށައެޅި ވީޑިއޯތަކެވެ.
ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވާލާއިގެން އެއްމަސްދުވަހަށް ކުރިއަށްގެންދިޔަ އެޑްވެންޗަރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގައި ޖުމްލަ 46 ފަރާތަކުން ވަނީ ބައިވެރިވެފައިއެވެ. މީހުން ޝައުގުވެރިވާ ފަދަ ރާއްޖޭގެ ހަރަކާތްތައް ދައްކައިދޭ ވީޑިއޯތައް ދައްކާލުމަށް ހުޅުވާލި މި ފުރުޞަތުގައި ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާއި ތާރީޚާއި ޤުދުރަތީ ރީތިކަން ހިމެނޭ ވީޑިއޯތައް ހިމަނާފައިވެއެވެ. މި ވީޑިއޯތައް ފޭސްބުކްގައި ހިމެނުމުން ގިނަ ބަޔަކު ބަލާފައިވާއިރު ފަންސަވީސް ހާހަށްވުރެ ގިނަ ފަރާތުން މިވީޑިއޯތައް ޝެއަރކޮށްފައިވެއެވެ. މުޅި ދުނިޔެއަށް ހުޅުވާލި މިމުބާރާތުގައި އެކި ޤައުމުތަކުގެ ފަންނުވެރިންނާ ވާދަކޮށް އެއްވަނަ ހޯދާފައިވަނީ ނާއިދް ޢަލީއެވެ. ދެވަނަ ހޯދީ އަޙްމަދު ފަޒީލްއެވެ. އަދި ތިންވަނަ ލިބުނީ މަރެކް މާޒެކޯވްއަށެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް، 'ފޭސްބުކް'ގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު 10 ވީޑިއޯ ވަނީ ހޮވާފައެވެ. އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ރާއްޖެ ޕްރޮމޯޓުކުރުމަށް މިއީ ރަނގަޅު ވަޞީލަތެއްކަމަށާއި މި މުބާރާތް އިންތިޒާމުކުރުމުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ދިވެހިން ބުނާ ބުނުމަށްވުރެ އެކަން ތަޖުރިބާކޮށްފައިވާ މީހެއްގެ ފަރާތުން އެކަން ޙާޞިލުކުރުމުގެ އަޒުމްގައި މަސައްކަތްކޮށްފައިވާނެކަމަށެވެ.
"ރިސަރޗްތަކުން ދައްކާގޮތުގައި 'ވޯޑް އޮފް މައުތް' އަކީ ވަރަށް އިފެކްޓިވް ގޮތެއް މާކެޓިންގައި. ރާއްޖެއަންނަ މީހުން ރާއްޖެ ހޮވުމުގައި ނުވަތަ ރާއްޖެއައުމަށް ޑިސައިޑްކުރުމުގައި ރާއްޖެ އައިސްފައިވާ މީހެއްގެ ނަޒަރުން އެމީހާގެ ތަޖުރިބާ އެމީހާ ކިޔާދެނީ އެހެން މީހުނަށް. މިހާތަނަށް އެކަން އޮތީ ވަރަށް ބޮޑަށް ލިމިޓްވެފައި. މީގެ ސަބަބުން މިހުޅުވާލަނީ ޕްލެޓްފޯމެއް ގިނަ އަދަދެއްގެ މީހުނަށް ރީޗްވާގޮތަށް. ރާއްޖެއައިސްފައިވާ މީހުން ރާއްޖޭގައި ކޮށްފައިވާކަންތައްތައް މުޅި ދުނިޔެއަށް ދައްކާލަނީ." ހަރިސް ވިދާޅުވިއެވެ.
މިފަދަ ގޮތަކަށް ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭއްވި މިއީ ފުރަތަމަ ވީޑިއޯ މުބާރާތެވެ. ކުރިއަށް އޮތްތަނުގައި މި މުބާރާތް އިތުރަށް ފުޅާކޮށް އިތުރު ދާއިރާތަކާއެކު ބޭއްވުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.