އުތުރު ކޮރެއާގެ މައްސަލައިގައި ނޭނގުމެއްގެ ތެރޭގައި ހަނގުރާމައެއް ފެށުމަކީވެސް ދުރުގައިވާ ކަމެއް ނޫންކަމުގެ އިންޒާރު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ދެއްވައިފިއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އުތުރު ކޮރެއާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން މިހާތަނަށް ނެރެފައިވާ ހުރިހާ ޤަރާރަކަށް އެ ޤައުމުންވެސް އަދި އެހެން ޤައުމުތަކުންވެސް ޢަމަލުކުރަން ޖެހޭނެކަމަށެވެ.
މީގެ ދެ ހަފުތާ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އުތުރު ކޮރެއާއިން ކުރި ފުރަތަމަ މިސައިލް ޓެސްޓްގެ ސަބަބުން ކޮރެއާ ބައްރުގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މިވަނީ ނުތަނަވަސްކަން އުފެދިފައެވެ.
މީގެ ދެ ހަފުތާ އުތުރު ކޮރެއާއިން ކުރި މިސައިލް ޓެސްޓަކީ އެ ޤައުމުން މިހާތަނަށް ކުރި އެންމެ ޒަމާނީ އަދި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިސައިލް ޓެސްޓެވެ.
އުތުރު ކޮރެއާއިން މި އަހަރުގެ ތެރޭގައި ވަނީ އެ ޤައުމުން މިހާތަނަށް ކޮށްފައިވާ އެންމެ ބާރުގަދަ ނިއުކްލިޔަރ ޓެސްޓްވެސް ކޮށްފައެވެ.
މީގެ އިތުރުން، އުތުރު ކޮރެއާއިން މި އަހަރުގެ ތެރޭގައި ވަނީ އެތައް ފަހަރެއްގެ މަތިން ބެލިސްޓިކް މިސައިލްތައް ވެސް ޓެސްޓްކޮށްފައެވެ.
އެ ޤައުމުގެ މި ޢަމަލުތަކުގެ ސަބަބުން އދގެ ސަލާމަތީ މަޖިލީހުން މި އަހަރުގެ މިހާތަނަށްވެސް ދެ ފަހަރެއްގެ މަތިން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު މިކަމުން އުތުރު ކޮރެއާއަށް މާބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.
މިފަދަ ދަނޑިވަޅެއްގައި، އުތުރު ކޮރެއާއާގެ މައްސަލައިގައި ނޭނގުމެއްގެ ތެރޭގައި ހަނގުރާމައެއް ފެށުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން ކަމުގެ އިންޒާރު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް މިވަނީ ދެއްވާފައެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި އެ ޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ މުޚާތަބުކުރައްވާ ގުޓޭރޭޝް ވިދާޅުވީ، އުތުރު ކޮރެއާއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން މިހާތަނަށް ފާސްކޮށްފައިވާ ޤަރާރުތަކަށް ފުރަތަމަ އުތުރު ކޮރެއާއިން ފުރިހަމައަށް ބޯލަނބަން ޖެހޭކަން ސާފުވާކަމަށެވެ.
އަދި މި ކަމުގައި އެންމެ ފަހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް މިކަމާ ގުޅުންހުރި އެހެން ޤައުމުތަކުންވެސް މި ޤަރާރުތަކަށް ޢަމަލުކުރަން ޖެހޭ ކަމަށާއި މިކަމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުން ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ގުޓޭރޭޝް އިތުރަށް ވިދާޅުވީ މި ކަމުގައި ސިޔާސީ ވާހަކަތައް ފެށުމުގައި އދގެ ސަލާމަތީ މަޖިލީހުގެ އެއްބައިވަންތަކަމަކީވެސް މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށާއި ނޭނގުމެއްގެ ތެރޭގައި ހަނގުރާމައެއް ފެށުމަކީވެސް ދުރުގައިވާ ކަމެއް ނޫންކަމަށެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެއްވެސް ޝަރުތަކާ ނުލައި އުތުރު ކޮރެއާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށާއި އުތުރު ކޮރެއާއިން ބޭނުންވެއްޖެ ހިނދެއްގައި މިކަން ކުރިއަށް ގެންދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.