ދުނިޔެ

އިންޑޮނޭޝިޔާގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރަނީ


ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަންނަކަމަށް ވިދާޅުވެ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ކުރެއްވި އިޢުލާނާ ދެކޮޅަށް އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ވަރުގަދަ އެއްވުމެއް ބާއްވައިފިއެވެ.

ޓްރަމްޕްގެ އިޢުލާނަށްފަހު ދުނިޔޭގެ އެންމެ އަބާދީ ބޮޑު އިސްލާމީ ޤައުމު ކަމަށްވާ އިންޑޮނޭޝިޔާގެ ބޭއްވި މި އެއްވުމުގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އިންޑޮނޭޝިޔާގެ ފުލުހުން ބުނެއެވެ.

ސުލްހަވެރި ކަމާއެކު ކުރިއަށްދިޔަ މި އެއްވުމަކީ ޓްރަމްޕްގެ ނިންމެވުން ހާމަކުރެއްވިފަހުން އިންޑޮނޭޝިޔާގައި ބޭއްވި އެންމެ ބޮޑު އެއްވުމެވެ.

މި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑޮނޭޝިޔާގެ ވިހަ ހާހަށްވުރެ ގިނަ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިކަމަށް އެ ޤައުމުގެ ފުލުހުން ބުނެއެވެ.

މި އެއްވުމުގައި ވާހަކަދެއްކެވި އިންޑޮނޭޝިޔާގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަންވަރް އައްބާސް ވިދާޅުވީ، ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް ޓްރަމްޕް ނިންމެވި ޤާނޫނާ ޚިލާފު ނިންމެވުމާ ދެކޮޅަށް ތެދުވުމަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ގޮވާލައްވާ ކަމަށެވެ.

އަދި މިކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އެމެރިކާ އާއި އިސްރާއީލުގެ އުފެއްދުންތައް އިންޑޮނޭޝިޔާގެ ރައްޔިތުން ބޮއިކޮޓް ކުރުމަށްވެސް އައްބާސް ގޮވާލެއްވިއެވެ.

ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން އިސްލާމީ ދުނިޔެ ހައިޖާނު ގަނޑަކަށް ވެއްޓިގެން ހިނގައިދާނެކަމަށް ބުނެ ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ދިން އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވާ ޓްރަމްޕް ކުރެއްވި އިޢުލާނުގެ ސަބަބުން، ފަލަސްޠީނުގެ އިތުރުން އިސްލާމީ ގިނަ ޤައުމުތަކެއްގައި ވަނީ ބޮޑެތި މުޒާހަރާތައް ކޮށްފައެވެ.