އިނގިރޭސި ލީގުގެ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަތުލެވިދާނެ ކަމަށާއި އެކަން ނުކުރެވޭނެކަން ޔަގީންވާނަމަ އޭނާ މިހާރު ހުންނާނީ އާ އަހަރު ފާހަގަ ކުރަން ޗުއްޓީގައި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އޭނާ މިހެން ބުނީ ލީގުގައި ރޭ ވެސްޓްބްރޮމް އަތުން 2-1އިން މޮޅުވި މެޗަށް ފަހުގައެވެ. މޮރީނިއޯ ބުނީ އޭނާ ވެސް އަދި ކުޅުންތެރިން ވެސް މިވަގުތު ޗުއްޓީއެއް ބޭނުންނުވާ ކަމަށާއި އެންމެ ފަހުވަގުތާ ހަމައަށް ވެސް ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
އޭނާ މިހެން ބުނިއިރު ސިޓީ އާއި ޔުނައިޓެޑާދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ސިޓީގެ ފަހަތުން ޔުނައިޓެޑް ދެ ވަނަގައ އޮތުމުން މޮރީނިއޯ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށާއި ހާއްސަކޮށް އިނގިރޭސި ލީގަކީ ގޮތްގޭނގޭ ލީގެއް ކަމަށެވެ. ކާމިޔާބު ލިބޭނީ އެކަމަށް ބޭނުންވެގެން ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާ ޓީމަކަށް ކަމަށެވެ.
ކުރިން ޗެލްސީ އަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ ބުނީ އޭނާގެ ގޭމްޕްލޭނާ ބެހޭގޮތުން ޝަކުވާކުރަނީ ކޮންބައެއްކަން އަބަދުވެސް އެނގޭ ކަމަށާއި ނަމަވެސް ކޮންމެ ކޮންމެ ވާހަކައަކަށް ޖަވާބުދޭން ބޭނުންނުވާ ކަމަށެވެ. މޮރީނިއޯ އިޝާރާތްކުރީ ނޫސްވެރިންނަށެވެ.