އިނގިރޭސިވިލާތުން އޮންނާނީ ސަޢުދީ ޢަރަބިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް ތައްޔާރަށް ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.
މޭ، މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ސަޢުދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒާއި ވަލީޢަހުދު މުހައްމަދު ބިން ސަލްމާނަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިފޯނު ކޯލުތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިން މިހަފުތާގައި ސައުދީ ޢަރަބިއާގެ ވެރިރަށް ރިޔާޒަށް ދިން މިސައިލް ޙަމަލާ، އިނގިރޭސިވިލާތުން ކުށްވެރިކުރާކަމަށް މޭއި ވިދާޅުވި ކަމަށެވެ. މޭ ވިދާޅުވީ އިނގިރޭސިވިލާތުން އަބަދުވެސް އޮންނާނީ ސަޢުދީ ޢަރަބިއާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް.
އަދި އެ ސަރަޙައްދުގައި އީރާނުން ކުރާ ޤާނޫނާ ޚިލާފު ކަންކަން ފާހަގަކޮށް އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުން ބޭނުންވާ ކަމަށް މޭ ވިދާޅުވިއެވެ.
އަދި ޔަމަނުގެ ހަނގުރާމައަށް ސިޔާސީ ޙައްލެއް ހޯދުމަށްވެސް އިތުރު މަސައްކަތްތައް ކުރާނެ ކަންވެސް މޭ ވަނީ ވިދާޅުވެފައެވެ.
ސަޢުދީ ޢަރަބިޔާއާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ތެރީސާ މޭ ކުރައްވާ މަސައްކަތްތަކުގެ ދަށުން އޭނާ ވަނީ ސަޢުދީ ޢަރަބިއާގެ ވަލީޢަހުދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.