ރެއާލް މެޑްރިޑާއި ބާސެލޯނާ ސްޕެނިޝް ލީގުގައި މިއަދު ހަވީރު ކުޅޭ އެލް ކްލެސިކޯ މެޗަކީ ހުރިހާ ގޮތަކުން ވެސް ވާދަވެރިވާނެ މެޗެކެވެ. މެޗުގައި ކުޅޭ ކުޅުންތެރިންނާއި އެމީހުން ލާ އަންނައުނާއި ގުޅުންހުރި އެކިއެކި ކަންތައްތައް ވެސް ވަނީ މެޗުގެ ވާދަވެރިކަން ބޮޑުކޮށްދީފައެވެ.
ރާއްޖެ ގަޑިން ހަވީރު ފަހެއް ޖަހާއިރު ފަށާ މެޗުގެ ކުރިން ދެ ޓީމުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި މެކުހަށް ޖަހާފައިވާއިރު ކުރީގައި އުޅެނީ ރެއާލް މެޑްރިޑެވެ.
ދެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ވިދުން ގަދައީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީއެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ސޯޝަލް މީޑިޔާއި ކުރީގައިވަނީ ރޮނާލްޑޯއެވެ. ފޭސްބުކުގައި އޭނާ އަށް 122 މިލިއަން ލައިކްސް ލިބިފައިވާއިރު މެސީ އަށް ލިބިފައިވަނީ 89 މިލިއަން ލައިކްސްއެވެ. އިންސްޓަގްރާމުގައި 117 މިލިއަން މީހުން ރޮނަލްޑޯ ފޮލޯ ކުރާއިރު މެސީ ފޮލޯ ކުރަނީ 84 މިލިއަން މީހުންނެވެ. ރޮނާލްޑޯގެ ޓުވީޓާ ފޮލޯ ކުރާ 65 މިލިއަން މީހުން ތިބިއިރު މެސީގެ އަމިއްލަ ޓުވިޓާ އެކައުންޓެއްނެތެވެ. އެޑިޑާސް އިން ހިންގާ ޓީމް މެސީގެ ޓުވިޓާ އެކައުންޓް ފޮލޯކުރަމުންދަނީ ދެ މިލިއަން މީހުންނެވެ.
ދެ ކުޅުންތެރިން ފައިތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ ޕޯސްޓްތަކުގެ ތެރެއިން ރޮނާލްޑޯ އަށް އެންމެ ތާއީދު ލިބުނު ޕޯސްޓަކީ އޭނާ އަށް ލިބުނު ޓުވިން ދެ ކުދިންގެ ފޮޓޯ ހާމަކުރުމަށް ކުރި ޕޯސްޓެވެ. މި ޕޯސްޓަށް 4.6 މިލިއަން މީހުން ފޭސްބުކުގައި ލައިކްކޮށްފައިވާއިރު އިންސްޓަގްރާމުގައި 8.3 މިލިއަން މީހުން ވަނީ މި ޕޯސްޓާމެދު ގަޔާވުން ފާޅުކޮށްފައެވެ.
މެސީގެ ޕޯސްޓްތަކުގެ ތެރެއިން މިދިޔަ 6 މަސްދުވަހު އެންމެ ހިނގާފައިވަނީ އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައި އާއްމުކުރި ޕޯސްޓެވެ. ފޭސްބުކުގައި އެ ޕޯސްޓަށް ލިބިފައިވަނީ 1.1 މިލިއަން ލައިކްސްއެވެ. އަދި އިންސްޓަގްރާމުގައި މެސީ އާއި އަންހެނުން އެންޓޮނެއްލާ ދެމީހުން ޗުއްޓީ ހޭދަކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަށް ގަޔާވެފައިވާކަމަށް ބުނެފައިވަނީ 5 މިލިއަން މީހުންނެވެ.
ދެ ޓީމަށް ބަލާއިރު ރެއާލް މެޑްރިޑްގެ 689 މިލިއަން މީހުން އަންނަނީ ސޯޝަލް މީޑިއާގައި ރެއާލް ފޮލޯ ކުރަމުންނެވެ. އެއީ ފޭސްބުކުގައި 266 މިލިއަންމީހުން، ޓުވިޓާގައި 138 މިލިއަން މީހުން އަދި އިންސްޓަގްރާމުގައި 285 މިލިއަން މީހުންނެވެ.
ސޯޝަލް މީޑިއާގައި ބާސެލޯނާ ފޮލޯ ކުރަނީ 207 މިލިއަން މީހުންނެވެ.