ދުނިޔެ

އެމެރިކާ އިން އދއަށް ދޭ ފައިސާ މަދުކުރަން ނިންމައިފި


އެމެރިކާ އިން އދއަށް ފައިސާ ދޭ މިންވަރު މަދުކުރަން ނިންމައިފިއެވެ. އެމެރިކާއިން އދއަށް ދޭ ފައިސާގެ އެހީ ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމީ އެތައް ސަބަބުތަކަކާ ގުޅިގެން ކަމަށާއި އދން އެ ޖަމްޢިއްޔާގެ ބަޖެޓް އެންމެ ހެޔޮގޮތުގައި ހޭދަ ނުކުރުމަކީ މީގެ އެއް ސަބަބު ކަމަށް، އދގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހޭލީ ވިދާޅުވިއެވެ.

އދގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެ ޖަމްއިއްޔާގެ ބަޖެޓަށް އެންމެ ގިނައިން ފައިސާ ދޭ ގައުމަކީ އެމެރިކާއެވެ. އދގެ އަހަރީ ބަޖެޓުގެ 22 އިންސައްތަ އެމެރިކާއިން ހިއްސާކުރާއިރު، މިއީ ގާތްގަނޑަކަށް އަށްސަތޭކަ މިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރެކެވެ. އެމެރިކާއިން އދއަށް ބޮޑަށް ޚަރަދެއް ކުރާއިރު، އދގެ މައިމަރުކަޒު އެމެރިކާގެ ނިޔުޔޯކްގައި ހުރުމުން އެމެރިކާގެ އިގްތިސާދަށްވެސް އަހަރަކު އެތައް ބިލިޔަން ޑޮލަރުގެ ފައިދާ ލިބެއެވެ. އދގެ މެންބަރު ގައުމުތަކުގެ ޢަދަދު ސަތޭކަ ނުވަދިހަ ތިނަކަށް އަރާއިރު އެ ޤައުމުތަކުގެ ދާއިމީ މިޝަންތަކާއި، އެ ޤައުމުތަކުން އދއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުން ތިއްބަވަނީ ނިއު ޔޯކްގައެވެ.

މީގެއިތުރުން އދގެ މައިމަރުކަޒުގައި މަސައްކަތްކުރާ އިސްވެރިންނާއި އެތައް ހާސް މުވައްޒަފުންވެސް ދިރުއުޅެމުން ގެންދަނީ ނިޔުޔޯކްގައެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް އަހަރަކު 1.5 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ވަންނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އަނެއްކޮޅުން އެމެރިކާއިން އދގެ ބަޖެޓަށް ފައިސާގެ ބޮޑު އެހީއެއް ދެމުން ގެންދާއިރު އެމެރިކާގެ ބާރާއި ނުފޫޒުވެސް އދގައި އާދަޔާ ޚިލާފަށް ގަދަކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން އެމެރިކާއިން އދއަށް ކުރާ ޚަރަދަށްވުރެ އދގެ ފަރާތުން އެމެރިކާއަށް ލިބޭ އެއްޗެއް ބޮޑުވެގެންދެއެވެ. އެމެރިކާ މިހާރު ވަނީ އެ ޤައުމުން އދއަށް ދޭ ފައިސާގެ އެހީގެ ތެރެއިން 285 މިލިޔަން ޑޮލަރު އުނިކޮށްފައެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން އދންވެސް ވަނީ އެ ޖަމިއްޔާގެ ބަޖެޓުން ގާތްގަނޑަކަށް 285 މިލިޔަން ޑޮލަރު އުނިކުރުމަށްފަހު ދެހާސް އަށާރަވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ވިދާޅުވީ އދން ބޭނުންވަނީ އަންނަ އަހަރަށް ފަހެއް ޕޮއިންޓް ހަތަރެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަމަށާއި ނަމަވެސް ދެހާސް އަށާރަވަނަ އަހަރުގެ ބަޖެޓަކީ 5.3 ބިލިޔަން ޑޮލަރު ކަމަށެވެ. ބޭނުންވި ވަރަށްވުރެ އދގެ ބަޖެޓް ކުޑަވުމުން އޭގެ ނޭދެވޭ އަސަރު އދގެ ބައެއް ހަރަކާތްތަކަށް ކުރާނެކަމަށް ގުޓޭރޭޝް ވިދާޅުވިއެވެ. މިދިޔަ ހަފުތާގައި އދގެ އާންމު މަޖިލީހުންވެސް ވަނީ އދގެ 2018 އަހަރުގެ ބަޖެޓު ފާސްކޮށްފައެވެ.