ކުޅިވަރު

މެސީގެ ދެ ރެކޯޑާއެކު ބާސެލޯނާއިން މެޑްރިޑް ރޮއްވާލައިފި


ރެއާލް މެޑްރިޑުގެ ދަނޑުގައި ލަޔޮނަލް މެސީ ހެދި ދެ ރެކޯޑަކާއެކު ބާސެލޯނާއިން މެޑްރިޑް ރޮއްވާލައިފިއެވެ.

ލުއިސް ސުއަރޭޒް އާއި މެސީ އަދި އެލެކްސް ވިދާލް ޖެހި ގޯލުތަކުން ބާސެލޯނާ މޮޅުވުމުން ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް ފުޅާވެފައެވެ.

ސްޕެނިޝް ލީގުގެ ކުރީގައި ބާސެލޯނާ އޮތީ 45 ޕޮއިންޓާއެކުއެވެ. ރެއާލް އަށް ލިބިފައިވަނީ 31 ޕޮއިންޓާއެކު ހަތަރު ވަނައެވެ. ދެ ވަނާގައިވަނީ 36 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ.

މި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ އެލްކްލެސިކޯގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. ރެއާލް ކޮޅަށް އޭނާ ޖުމުލަ 25 ގޯލު ޖަހާފައިވާއިރު، މީގެ ތެރެއިން 14 ގޯލު ޖެހީ ރެއާލްގެ ދަނޑުގައެވެ. އަދި މިރޭ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ ގަދަ ފަސް ލީގުގައި އެއް ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮތީ ޖަރުމަނުގެ ގާޑް މުލާ އަތުގައެވެ.