ޚަބަރު

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް 1.3 ބިލިއަން ރުފިޔާ!


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކި ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް، 1.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ތުޅާދޫގެ ބަނދަރު ހުޅުވުމާއި ގޮނޑުދޮށް ޙިމާޔަތްކުރުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ތާރިޤް ވިދާޅުވީ، ތުޅާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް 10.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށެވެ. މިއީ ކުރީގެ ސަރުކާރުތަކަށް ތުޅާދޫގައި ނުހިންގި އޮތް މަޝްރޫޢެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިވީ ހަތަރު އަހަރު ދުވަހުގެތެރޭގައި ޖުމްލަ 30.8 ކިލޯ މީޓަރުގެ ގޮނޑުދޮށް ޙިމާޔަތްކޮށްފައިވާ ކަމަށެވެ. ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢުގެ ދަށުން ވަނީ 355 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކޮށްފައެވެ. 

'' ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑަކަށް އަޅާއެއް ނުލާ. 30.8 ކިލޯ މީޓަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު މިވީ ހަތަރުއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގި. އެކަމަށް 1.3 ބިލިއަން ރުފިޔާ ޚަރަދުވި. މީގެ %80 އަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މަޝްރޫޢު '' އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. 

ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރ ޠާރިޤް ވަނީ، ތުޅާދޫގައި ޤާއިމްކުރާ ފެނާ ނަރުދަމާގެ މަޝްރޫޢު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ނިމެނޭ ކަމުގެ އުފާވެރި ޚަބަރު އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. މިމަޝްރޫޢަށް 75 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި މިއީ އޮފިޑް ލޯން އެހީގައި ސަރުކާރުން ހިންގާ މަޝްރޫޢެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތުޅާދޫގައި ކުނި ކޮށި އެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރާވާފައިވާކަމަވެސް މިނިސްޓަރ ވިދާޅުވިއެވެ.