ކުޅިވަރު

ސިޓީއަށް ފައިދާވާގޮތަށް ޝެޑިއުލް އޮތުމުން މޮރީނިއޯ ޝަކުވާކޮށްފި


އިނގިރޭސި ޕްރިމިއާރ ލީގުގެ ޑިސެމްބަރު މަހުގެ މެޗުތައް ހަމަޖައްސާފައިވާ ގޮތުން މެންޗެސްޓާ ސިޓީ އަށް އެޑްވާންޓޭޖް ލިބިފައިވާ ކަމަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.

އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޑިސެމްބަރު މަހުގެ 23 އިން ޖެނުއަރީ އެކަކަށް ޔުނައިޓެޑަށް ރެސްޓް ކުރަން ލިބިފައިވަނީ އެންމެ ހަ ދުވަސް ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ސިޓީ އަށް ހަތް ދުވަސް ލިބިފައިވާ ކަމަށާއި އެއްވެސް ބަޔަކަށް މިފަދަ އެޑްވާންޓޭޖެއް ލިބުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. 

މޮރީނިއޯ ބުނީ 10 ދުވަސްތެރޭގައި ޔުނައިޓެޑް ހަތަރު މެޗު ކުޅެން ޖެހިފައިވާ ކަމަށާއި މިއީ ކޮންމެވެސް ބަޔަކު ވިސްނައި ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ. މޮރީނިއޯ ބުނީ މިއީ ގަސްތުގައި ވަކި ބަޔަކާމެދު މައްސަލަ ޖައްސަން އޭނާ ދައްކާ ވާހަކައެއްނޫން ކަމަށާއި ނަމަވެސް އެންމެނަށް ވެސް ހަމަހަމަ އުސޫލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

އިނގިރޭސި ލީގުގައި މިވަގުތު ސިޓީ އެއްވަނާގައި ވަނީ 55 ޕޮއިންޓާއެކުގައެވެ. ދެ ވަނާގައި ޔުނައިޓެޑް އޮތީ 42 ޕޮއިންޓާއެކުގައެވެ.