ދުނިޔެ

ކާބުލްއަށް ދިން ބޮމުގެ ދެ ހަމަލާއެއްގައި 40 މީހުން މަރުވުން


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ދިން ބޮމުގެ ދެ ހަމަލާއެއްގައި ސާޅީސް މީހުން މަރުވެ ފަންސާސް މީހުން ޒަޚަމްވެއްޖެއެވެ.

މި ދެ ހަމަލާވެސް އަމާޒުކޮށްފައިވަނީ ވޮއިސް އޮފް އަފްޣާން ނަމަކަށްކިޔާ ނޫސް އޭޖެންސީއަކަށްކަމަށް އަފްޣާން ދާޚިލީ ވުޒާރާއިން ބުނެއެވެ.

މި ދެ ހަމަލާގެ އަޑު ކާބުލްގެ ވަރަށް ދުރު ހިސާބުތަކަށް އިވިފައިވާއިރު، މި ދެ ހަމަލާގެ ސަބަބުން މުޅި ކާބުލް ގުޑައިގެންދިޔަ ކަމަށް މުރާސިލުން ސިފަކުރެއެވެ.

މި ދެ ޙަމަލާގެ އިތުރުން ކާބުލްގެ ބޫލީސުޚްތާ ސަރަހައްދުގައިވާ ޘަޤާފީ މަރުކަޒަކަށް ވެސް ބުރާސްފަތި ދުވަހު ބޮމުގެ ޙަމަލާއެއް ދީފައިވެއެވެ.

މި ހަމަލާތަކުގައި މަރުވެ ޒަޚަމްވެފައިވަނީ އާންމު ރައްޔިތުންނެވެ.

އަފްޣާނިސްތާނުގެ މީޑީޔާއާ ބެހޭ މަރުކަޒުތަކަށް ޓެރަރިސްޓް ހަމަލާތައް ދިނުން މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

އަދި ފާއިތުވި މަސްތަކުގައި ޠާލިބާނުންގެ އިތުރުން އަފްޣާނިސްތާނުގެ އައިއެސް ގޮފިންވެސް ވަނީ އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދީފައެވެ.

ބުރާސްފަތި ދުވަހު އަމިއްލައަށް މަރުވެގެން ދިން މި ދެ ޙަމަލާގެ ޒިންމާވެސް އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ.