ދުނިޔެ

މެދުއިރުމަތީގައި ރަޝިޔާގެ މަސްލަހަތު ހިމާޔަތްކުރާނަން- ޕުޓިން


މެދުއިރުމަތީގައި ރަޝިޔާގެ މަސްލަހަތުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށާއި، މި މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކުރާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.

ސޫރިޔާގައި ޚިދުމަތްކުރި ރަޝިޔާގެ ސިފައިންނަށް ކުލައާއި މެޑަލް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ވިދާޅުވީ މެދުއިރުމަތީގައިވާ ރަޝިޔާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ރަޝިޔާގެ ދާއިމީ އަސްކަރީ ވުޖޫދެއް ސޫރިޔާގައި ބާއްވަންޖެހޭ ކަމަށާއި، ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ދެ މަރުކަޒެއް ކަމުގައިވާ ތަރްތޫސް އާއި ހަމީމީން އަކީ މިކަމަށް އެންމެ އެކަށީގެންވާ ދެ ބޭސްކަމަށެވެ.

ސޫރިޔާގައި ރަޝިޔާ ސިފައިން އަދާކުރީ، ރަޝިޔާގެ މަސްލަހަތު ރައްކާތެރިކުރުމުގެ އިތުރުން ޓެރަރިސްޓުންގެ ނުރައްކަލުން ސޫރިޔާ ސަލާމަތްކުރުމާއި ސޫރިޔާގެ ދައުލަތް ރޫޅައި ބައިބައިކޮށްލުމަށް ރާވައިގެން ކުރި މަސައްކަތްތަކެއް ނާކާމިޔާބުކޮށްލުމުގެ ސްޓްރެޓީޖިކް މަސައްކަތްތަކެއް ކަމަށް ޕުޓިން ވިދާޅުވިއެވެ. މި މަސައްކަތްތައް، ރަޝިޔާގެ ސިފައިން ކާމިޔާބުކަމާއެކު އަދާކުރުމުގެ ސަބަބުން މެދުއިރުމަތީގައި ރަޝިޔާގެ މަސްލަހަތުތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެން ހިނގައްޖެކަމަށް ޕުޓިން ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށްޓަކައި އައިއެސް ފަދަ ތަކްފިރީ ޓެރަރިސްޓް ޖަމާއަތްތަކާއި ހުޅަނގުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ފެށި ހަނގުރާމަ މިހާރު ނިމުމަކަށް އައިސްފައިވާއިރު، އެ ހަނގުރާމައިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސަލާމަތްކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ ރަޝިޔާ އާއި އީރާނެވެ.  ސޫރިޔާގެ ހަނގުރާމައިގައި ރަޝިޔާގެ ސާޅީސް ފަސްހާސް ސިފައިން ބައިވެރިވެފައިވާކަން ޕުޓިންވަނީ ހާމަކުރައްވާފައެވެ.

ސޫރިޔާގައިވާ ރަޝިޔާގެ އަސްކަރީ ދެ މަރުކަޒެއް ކަމުގައިވާ ތަރްތޫސް އާއި ހަމީމީންގައި ރަޝިޔާގެ ދާއިމީ އަސްކަރީ ވުޖޫދެއް ވާންޖެހޭކަމަށް ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގީ ޝުވީޖޫވެސް ވަނީ ވިދާޅުވެފައެވެ. އެކަމާބެހޭ ތައްޔާރީތައް ރަޝިޔާއިން ވަމުންދާ މި ދަނޑިވަޅުގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ އެކަމާ ބެހޭގޮތުން ރަޝިޔާއާއި ސޫރިޔާ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމަށް ރުހުންދީފައެވެ.