ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކަށިވެފައިވީނަމަވެސް އެމެރިކާގެ މަދަނީ ވުޖޫދު އެ ޤައުމުގައި އިތުރުކުރާނެކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖިމް މަޓިސް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މަޓިސް ވިދާޅުވީ އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެމެރިކާގެ ސިފައިންގެ އިތުރުން ޑިޕްލޮމެޓުންނާއި ކޮންޓެކްޓަރުން ސޫރިޔާގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި އެކަމުގެ ބޭނުމަކީ ސޫރިޔާގައި އައިއެސްގެ ބާރު އަލުން ގަދަވުމުގެ ފުރުސަތު ނުދިނުންކަމަށެވެ. މީގެއިތުރުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހަމަޖެހުން ޤާއިމުކުރުމަށާއި އެތަންތަން އާރާސްތުކުރުމަކީވެސް އެމެރިކާގެ މަދަނީ ވުޖޫދު ސޫރިޔާގައި އިތުރު ކުރުމުގެ ބޭނުމެއްކަމަށް މަޓިސް ވިދާޅުވިއެވެ.
ތުރުކީވިލާތާއި ރަޝިޔާއިން ވަނީ އެމެރިކާގެ މަދަނީ އަދި އަސްކަރީ ވުޖޫދު ސޫރިޔާގައި އިތުރުވަމުންދާތީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ސޫރިޔާ ސަރުކާރުންވަނީ އެމެރިކާ ސޫރިޔާއަށް ވަދެގެންފައިވަނީ ހުއްދައަކާނުލައި ޣައިރު ގާނޫނީ ގޮތުންކަމަށްވާތީ ސޫރިޔާގައިވާ އެމެރިކާގެ ބާރުތަކަކީ އިސްތިޢުމާރީ ބާރުތަކެއް ކަމަށް ސިފަކޮށްފައެވެ.