ކުޅިވަރު

ބަލިނުވެ ލިވަޕޫލް 16 މެޗު ހަމަކޮށްފި


ބަލިނުވެ ލިވަޕޫލް 16 މެޗު ހަމަކޮށްފިއެވެ. އެ ޓީމުން މިއަދަދު ހަމަކުރީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ބާންލޭގެ މައްޗަށް ފަހު މިނިޓްގައި ކުރި ހޯދައިގެންނެވެ.

މި މެދުގައި ސާދިއޯ މާނޭ ގޯލު ޖަހާފައިވަނިކޮށް ގުޑްމޮންޑަސަން ބާންލޭ އަށް އެއްވަރުކޮށްދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށެވެ. ލިވަޕޫލް މޮޅުކޮށްދިނީ ޑިފެންޑަރު ޑެޖަން ލޮވްރެން ދިން ބޯޅައަކުން އޭނާގެ ޑިފެންސިވް ޕާޓްނަރު ރަގްނާ ކްލާވަނެވެ.

މި މެޗުން މޮޅުވުމުން ލިވަޕޫލް ވަނީ 44 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ބާންލޭ އޮތީ 34 ޕޮއިންޓާއެކު ހަތް ވަނާގައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގައި މާމޮޅު ކުޅުމެއް ނުފެނުނު ނަމަވެސް ކުޅުންތެރިންގެ މަސައްކަތް ރަނގަޅުކަމަށެވެ. އަދި ބާންލޭގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވުމަކީ އިނގިރޭސި ހުރިހާ ޓީމަކާ ބަލާއިރު އުނދަގޫ ކަމެއް ކަމަށެވެ.

ބާންލޭގެ ކޯޗު ސީން ޑައިސް ބުނީ އޭނާގެ ޓީމަށް 2017 ވަނަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި ލީގިު ދެ ބައިވިއިރު 35 ޕޮއިންޓާއެކު ހަތް ވަނާގައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.