އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނަށް ދެއްވި ބަހުގެ ހަމަލާތަކަށް ޕާކިސްތާނުން ރައްދު ދީފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވަޖާ އާސިފް ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް ހިލޭ އެއްވެސް އެހީއެއް ނުދޭކަމަށާއި، އެމެރިކާ ޕާކިސްތާނަށް އެހީވަނީ އަމިއްލަ މަޤުޞަދުތަކެއް ޙާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.
މީލާދީ އައު އަހަރު ފުރަތަމަ ކުރެއްވި ޓްވީޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އަމާޒުކުރެއްވީ ޕާކިސްތާނަށެވެ. ޕާކިސްތާނަށް އަމާޒުކޮށް ކުރެއްވި ޓްވީޓްގައި ޓްރަމްޕް ވަނީ އެމެރިކާއަށް ދޮގާއި މަކަރު ހަދަމުން ގެންދާކަމުގެ އިލްޒާމު ޕާކިސްތާނުގެ ބޮލުގައި އަޅުވާފައެވެ.
އެ ގޮތުން ވޭތުވެދިޔަ ފަނަރަ އަހަރު ދުވަހުގެ ތެރޭ އެމެރިކާއިން ޕާކިސްތާނަށް އެހީގެގޮތުގައި ތެއްތިރީސް ބިލިއަން ޑޮލަރު ދިންކަމަށާއި އޭގެ ބަދަލުގައި އެމެރިކާއަށް އޮޅުވާލުން ފިޔަވައި އެހެންކަމެއް ޕާކިސްތާނުން ނުކުރާކަމަށް ވިދާޅުވެ ޑިޕްލޮމަސީގެ އުޞޫލުތަކާ ޚިލާފަށް ޓްރަމްޕް ވަނީ، ޕާކިސްތާނަށް އަމާޒުކުރައްވާ ބަހުގެ ހަރުކަށި ޙަމަލާތައް ދެއްވާފައެވެ.
ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިންވަނީ އިސްލާމްއާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވީޑް ހޭލް އެ ވުޒާރާއަށް ޙާޒިރުކޮށް ޓްރަމްޕްގެ ވާހަކަތަކަށް ޕާކިސްތާނުން ދިން ރައްދު އޭނާއަށް ވަނީ އަންގާފައެވެ.
އެހެންނަމަވެސް ޕާކިސްތާނުން ދިން ރައްދާބެހޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސް އަދި އިސްލާމް އާބާދުގައި ހުންނަ އެމެރިކާގެ އެންބަސީންވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ޕާކިސްތާނުގެ ނޫސްތަކުންވަނީ އެމެރިކާއަށާއި ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ގޮތުން ޓްރަމްޕަކީ ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭ ބޭފުޅެއް ކަމަށާއި، ޓްރަމްޕަކީ އަމިއްލަ ޤައުމުގައިވެސް އިޙުތިރާމު ގެއްލިފައިވާ ބޭފުޅެއްކަމަށް ޕާކިސްތާނުގެ ނޫސްތަކުން ސިފަކޮށްފައިވެއެވެ. އަދި އެމެރިކާއިން އަފްޣާނިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވައްދަމުން ގެންދަނީ ޕާކިސްތާނަށް ގެއްލުންދިނުމުގެ ބޭނުމުގައިކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާންދެކެ ޓްރަމްޕް ކޯފާވެގެން އުޅުއްވަނީ ވަގަށް ނަގާފައިވާ އެމެރިކާގެ ރަހީނަކާބެހޭ މައުލޫމާތު ހޯދުމަށްޓަކައި ޕާކިސްތާނުން ހައްޔަރުކޮށްފައިވާ ހައްޤާނީ ނެޓްވޯކުގެ ޓެރަރިސްޓަކާ ބައްދަލުކުރުމަށް އެމެރިކާގެ މަސްއޫލުވެރިން އެދެމުން ޕާކިސްތާނުން އެކަމާދެކޮޅު ހެދުމުންނެވެ.
މީގެއިތުރުން، އަފްޣާނިސްތާނުގައި އެމެރިކާ ބޭނުންވާ އެހީތެރިކަން ޕާކިސްތާނުން އެމެރިކާއަށް ފޯރުކޮށްނުދިނުމާއި ޕާކިސްތާނުން ޗައިނާއާއެކު އިގްތިސާދީ ގުޅުންތަކާއި އަސްކަރީ ގުޅުންތައް ސްޓްރެޓީޖިކް ފެންވަރަކަށް ގެންގޮސްފައިވުމަކީވެސް އެމެރިކާގެ ރުޅިވެރިކަން ޕާކިސްތާނަށް އަމާޒުވާ ސަބަބެއްކަމަށް މުހައްލިލުން ދެކެއެވެ.