ދުނިޔެ

އދގެ ސަލާމަތީ މަޖިލީހުގައި އަނެއްކާވެސް އެމެރިކާއަށް ނާކާމިޔާބީ


އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އދގެ ސަލާމަތީ މަޖިލިސް ވެއްދުމަށް އެމެރިކާ އިސްވެ އޮވެގެން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ ބޮޑެތި އެހެން ބާރުތަކުން ދެކޮޅު ހަދައިފިއެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ބަޔަކު ކުރިމުޒާހަރާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ އެދުމުގެ މަތިން އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ޖަލްސާގައި ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާއިން ވަނީ އެމެރިކާއާ ދެކޮޅަށް ވާހަކަދައްކާފައެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ބަޔަކު ކުރިމުޒާހަރާތަކަކީ އީރާނުގެ ދާޚިލީ ކަމަކަށްވުމުގެ އިތުރުން އެއީ ބައިނަލްއަޤުވާމީ އަމަނާއި ސަލާމަތާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމަކަށް ނުވާތީ އެކަމާ ބެހޭގޮތުން ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމެރިކާ އެދުމުންވެސް ރަޝިޔާއާއި އެނޫން ބައެއްގައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް އެމެރިކާގެ އެދުމުގެ މަތިން ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެ މަޖިލީހުގައި ހިމެނޭ ކުދި ޤައުމުތަކުގެ ތާއީދު ލިބުމާއެކު ހުކުރުދުވަހުވަނީ ޖަލްސާއެއް ބާއްވާފައެވެ.

އެ ޖަލްސާގައި އީރާނަށް ފާޑުކިޔުންތައް އަމާޒުކުރުމުގެ ބަދަލުގައި ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާފަދަ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ފާޑުކިޔުންތައް އަމާޒުކުރީ އެމެރިކާއަށެވެ. އެމެރިކާގެ އަމިއްލަ ސިޔާސީ ބޭނުމެއްގައި އީރާނާ ދެކޮޅަށް އަޑުއުފުލުމަށް ސަލާމަތީ މަޖިލީހުގެ ބޭނުން ކުރަމުންގެންދާ ކަމުގެ ތުހުމަތު ރަޝިޔާގެ މަންދޫބު އެމެރިކާގެ މައްޗަށް ކުރެއްވިއެވެ. ފަރަންސޭސިވިލާތާއި ޗައިނާއިންވެސް އެމެރިކާއާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. މި ޖަލްސާގައި އެމެރިކާގެ މަންދޫބު އީރާނަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް އީރާނުގެ މަންދޫބު ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.

އެގޮތުން، އެމެރިކާއަކީވެސް އެ ޤައުމުގައި ކުރާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ ޤައުމެއްކަން އީރާނުގެ މަންދޫބު ފާހަގަކުރެއްވިއެވެ. އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ބަޔަކު ކުރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވި މައްސަލައިގައި އީރާން ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ރިޔާސީ ބަޔާނެއް ނެރުމަށް އެމެރިކާ މަސައްކަތް ކުރިނަމަވެސް ފަރަންސޭސިވިލާތާއި ރަޝިޔާއާއި ޗައިނާ އަދި އެނޫންވެސް ޤައުމުތަކުން ދެކޮޅުހެދުމުގެ ސަބަބުން އެ ފަދަ ޤަރާރެއް ނެރެވޭގޮތެއް ނުވެއެވެ.