ޚަބަރު

ސަރުކާރުން މިއަހަރުވެސް އިތުރު ކުދިން ބޯންމެރޯ ހަދަން ފޮނުވަނީ


ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިއަހަރުވެސް އިތުރު ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ތެލެސީމިއާ ބަލީގެ ކުދިންގެ ތެރެއިން ފޯރުންތެރިކަން ކުޑަ ޢާއިލާތަކަށް ނިސްބަތްވާ ކުދިންނަށް ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ކޮންމެ އަހަރަކުވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީ ދެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަނޑުގެ ހިލޭ އެހީގެ ދަށުން މިއަހަރުވެސް އިތުރު ކުދިންނަށް ބޯންމެރޯ ޓްރާންޕްލާންޓް ހަދަން ފުރުޞަތު ދޭނެކަމަށާއި އެކަމާ ގުޅޭ ތަފްޞީލް ފަހުން ޢާންމު ކުރައްވާނެ ކަމަށެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ފުރުޞަތު ދިނެވެ. މީގެ ތެރެއިން 3 ކުއްޖެއްގެ ބޯންމެރޯ ކާމިޔާބު ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިން މަޢުލޫމާތު ދެއެވެ. އަދި 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ. މީގެ ތެރެއިން 12 ކުއްޖެއްގެ އޮޕަރޭޝަން ވަނީ ކާމިޔާބުވެފައެވެ. ޒަކާތު ފަންޑުން 2015 އަދި 2016 ވަނަ އަހަރު ބޯންމެރޯ ހެދުމަށް 19.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.



ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް 900،000 ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ހަމަޖައްސަވައިދެއްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ. އަދި ޓްރާންސް ޕްލާންޓަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.

މި 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ 3 އަހަރު ނިމުނުއިރު މި ވަޢުދު ފުރިހަމަ ކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މިހާތަނަށް 57 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިން ބުނެއެވެ.