ދެ ކޮރެޔާގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ދެކުނު ކޮރެޔާގެ ރައީސް މޫން ޖެއިން މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސޯލްގައި ދެއްވި ބަޔާނެއްގައި މޫން ޖެއިން ވިދާޅުވީ ދެ ކޮރެޔާގެ ވާހަކަތަކަކީ ރަނގަޅު ފެށުމެއް ކަމުގައިވާނަމަވެސް ޖެއްސުންކުރުމުގެ ޢަމަލުތައް އުތުރުކޮރެޔާ ހިންގާނަމަ މިފަދަ ފުރުޞަތުތައް ގެއްލިގެންދާނެކަމަށެވެ.
މޫންގެ ވާހަކައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ތަޢުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އުތުރުކޮރެޔާއާ މެދު ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އުތުރުކޮރެޔާއަށް ފިލާވަޅެއް ލިބިގެން ހިނގައްޖެކަށެވެ.
މިދިޔަ އަންގާރަ ދުވަހު ދެ ކޮރެޔާގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް އެމެރިކާ އާއި އދން ވަނީ މަރުޙަބާ ކިޔާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ކޮރެޔާގެ ވާހަކަތަކަކަށް އެމެރިކާ ތަރުޙީބު ދޭނެކަމަށެވެ. އެހެންނަމަވެސް އުތުރުކޮރެޔާއާ މުޢާމަލާތްކުރަންވާނީ އދގެ ޤަރާރުތަކާ ފުށުނާރާ ގޮތެއްގެ މަތިންކަމަށެވެ.
ދެ ކޮރެޔާގެ ވާހަކަތަކާ ގުޅިގެން އުތުރު ކޮރެޔާއިން ވަނީ ދެކުނުގައި ބާއްވާ ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކަށް ވަފުދެއް ފޮނުވަން ނިންމާފައެވެ.