ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުންނާއި އިޤްތިޞާދީ ދަތިތަކާ ގުޅިގެން ތޫނިސްގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރަތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމާ ގުޅިގެން ފުލުހުން އެތައް ސަތޭކަ މީހުން ހައްޔަރުކޮށްފިއެވެ.
ތޫނިސްގެ ދާޚިލީ ވުޒާރާއިން ބުނީ މުޒާހަތައް ފުޅާވެފައިވާއިރު މުޒާހަރާތަކަކީ ސުލްޙަވެރި މުޒާހަރާތަކެއް ނޫންކަމަށާއި، ބައެއްފަރާތްތަކުން ތަންތަނުގައި ހުޅުޖަހައި ޢާންމު ތަންތަނަށް ގެއްލުންދެމުންދާކަމަށެވެ. ތޫނިސްގެ ބޮޑުވަޒީރު ޔޫސުފް ޝާހިދު ވަނީ މުޒާހަރާތައް ހުއްޓާލުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އިޤްތިޞާދީ ހާލަތު ރަނގަނޅުކުރުމަށާއި ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
އިޙުތިޖާޖުކުރާ ފަރާތްތަކުން ބުނަނީ ތަކެތީގެ އަގު ބޮޑުވީ ތޫނިސްގައި އަލަށް އެކުލަވާލި މާލިއްޔަތު ޤާނޫނުގެ ސަބަބުން ކަމަށާއި އެ ޤާނޫނު އުވާލަންދެން އިޙުތިޖާޖުތައް ކުރިއަށްގެންދާނެކަމަށެވެ. ނަމަވެސް އެ ޤާނޫނު އުވާލަން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ތޫނިސްގެ ސަރުކާރުން ދީފައެއްނުވެއެވެ.