އަށްޑިހަ އެއްހާސް ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއްޖެއެވެ.
މިއަހަރުގެ ދިރާސީ އަހަރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެންމެބޮޑު އިންގިލާބީ ބަދަލު ފެނިގެންދާނެ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ދިރާސީ އާ އަހަރަށް ދަރިވަރުން ކުރިމަތިލާއިރު، ކިޔެވުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެހިފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ތަޢުލީމީ ދާއިރާއިން ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. މިސަރަހައްދުގެ ޤައުމުތަކަށް ބަލާލާއިރުވެސް ރާއްޖެމިވަނީ ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަށްޑިހަ އެއްހާހަށްވުރެެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެއެވެ. މީގެ ތެރޭގައި މިއަހަރު ޕްރީ ސްކޫލް ތައުލީމާއި އަލަށްގުޅުނު 7600 ދަރިވަރުންނާއި ގްރޭޑް އެކަކަށް ބަދަލުވި 7682 ދަރިވަރުން ހިމެނެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް 8500 ޓީޗަރުން މިއަހަރު ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެއީ ޕްރީ-ސްކޫލްއަށް ކިޔަވައިދިނުމަށް އަލަށް ގުޅުނު 601 ޓީޗަރުން ހިމެނޭގޮތަށެވެ. މީގެ ތެރޭގައި 6500 ދިވެހި ޓީޗަރުންނާއި ދެހާހެއްހާ ބިދޭސީ ޓީޗަރުން ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވާނެއެވެ. ނިސްބަތުން ބަލާއިރު މިއީ ކޮންމެ 10 ދަރިވަރަކަށް 1 ޓީޗަރެކެވެ.
ރާއްޖޭގެ 217 ސްކޫލެއްގައި މިއަހަރުވެސް ކިޔަވައިދޭއިރު، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ސްކޫލްތަކުގެ ޖާގަ އިތުރުކޮށް، ރާއްޖޭގައި ކިޔަވައިދޭ ސްކޫލުތަކުގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށޭއިރު، ސްކޫލުތަކަކީ ދަރިވަރުންނަށް ކިޔަވަން އެކަށޭނެ މާހައުލަކަށް ހެދުމަށް، ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ޒީނާތްތެރިކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ބަންދުވުމާއެކު ފަށައި އެ މަސައްކަތް ނިންމާފައެވެ.
މިއަދު މާލޭގައި 17 ސްކޫލެއްގައި ކިޔެވުން ފެށިފައިވާއިރު، މާލޭގެ ސްކޫލުތައް ފިޔަވައި ރާއްޖޭގެ 200 ސްކޫލެއްގައިވެސް ވަނީ މިއަދު ކިޔެވުން ފެށިފައެވެ.
ތަޢުލީމީ ދާއިރާއިން ރާއްޖެ މިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެ ހުރިހާ ޤައުމަކުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ، ފަށާތަޢުލީމު ފެށުމުގެ ކުރިން 1 އަހަރުގެ ޕްރީސްކޫލް ތަޢުލީމް ތުއްތުކުދިނަށް ހިލޭ ފޯރުކޮށްދިނުުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ. ރާއްޖެއަކީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމުވެސްމެއެވެ.
ފަށާ ތަޢުލީމާ، ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭ ދޭ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ވަނީ ހަމަޖައްސަވާދެއްވާފައެވެ.
މިއަދު ސްކޫލުތަކުގައި ކިޔަވައިދޭން ފެށިއިރު، އެއްވެސް ސްކޫލެއްގައި އެއްވެސް މާއްދާއަކަށް ކިޔަވައިދެއްވާނެ ޓީޗަރެއް ހަމަނުޖެހި ނުހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި، ކިޔެވުން ޖަނަވަރީ 14 ވަނަ ދުވަހު ފެށޭއިރު، މަތީސާނަވީ އަށް ކިޔަވައިދޭން ފެށޭނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމްގެ މިޑް ޓާމް ހޮލިޑޭއަށް ސްކޫލްތައް ބަންދު ކުރާނީ 25 މާޗުން 29 މާޗަށެވެ. 29 މާޗުގައި މިޑް ޓާމް ބަންދަށްފަހު ހުޅުވޭއިރު، ފުރަތަމަ ޓާމް ޓެސްޓް މެއި މަހުގެ 13 ން 31 ށް ކުރިޔަށްދާނެއެވެ.
ފުރަތަމަ ޓާމުގެ ޓެސްޓަސްފަހު ފުރަތަމަ ޓާމުގެ ބަންދު ވާނީ 7 ޖޫންގައެވެ. އަދި ފުރަތަމަ ޓާމްގެ ބަންދުދުވަސްތައް ފެށޭނޫ ޖޫން 10ން 14 އަށެވެ. އެއަށްފަހު 18 ޖޫންގައި ދެވަނަ ޓަމްގެ ކިޔެވުން ފެށޭއިރު، 19 ން 23 އޮގަސްޓް ގައި ދެވަނަ ޓާމްގެ މިޑްޓާމް ހޮލިޑޭ ފެށިގެންދާނެއެވެ. އަދި 28 އޮގަސްޓުން 10 ސެޕްޓެމްބަރަށް ގްރޭޑް ދިހައެއް އަދި ގްރޭޑް ބާރައިގެ މޮކް އެގްޒާމް ފެށިގެންދާނެއެވެ.
މިއަހަރު ޖީސީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީއާއި އައިއޭއެލް އެޑެކްސެލްގެ އޭއެލްއާއި އެޗް އެސް ސީ އިމްތިހާނު ފެށޭނީ އޮކްޓޯބަރު މަހުގައެވެ. އަދި 28 އޮޓޯބަރުން 15 ނޮވެމްބަރަށް ދެވަނަ ޓަރމުގެ އިމްތިހާނުތައް ކުރިޔަށްދާނެއެވެ. 22 ނޮވެމްބަރުގައި ދެވަނަ ޓާމް ނިމޭއިރު، 26 ނޮވެމްބަރުން ފެށިގެން 12 ޖަނަވަރީ 2019 އަކީ އަހަރުގެ އަންނަ ބޮޑު ބަންދެވެ.
ދެހާސް ނަވާރަވަނަ އަހަރު ޓީޗަރުން ސްކޫލަށް ރިޕޯޓް ކުރަންޖެހޭނީީ 8 ޖަނަވަރީގައެވެ. އަދި 2019 ވަނަ އަހަރު ދިރާސީ އައު އަހަރު ފެށޭނީ 13 ޖަނަވަރީ 2019 ގައެވެ.