ދުނިޔެ

ފަލަސްޠީނުން އިސްރާއީލުގެ ދަޢުލަތް ބަލައިނުގަތުމަށް ނިންމައިފި


ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހޯމަ ދުވަހު ބޭއްވި ޕަލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ މަރުކަޒީ މަޖިލީހުގެ ބައްދަލުވުމުގައި، އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ބަލައިގެންފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފިއެވެ. މިކަމާބެހޭގޮތުން އެ މަޖިލީހުގައި ނެގި ވޯޓުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ނިންމާފައިވަނީ އިސްރާއީލަކީ ދަޢުލަތެއްގެ ގޮތުން ފަލަސްތީނުން ބަލައިގެންފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ޕީއެލްއޯގެ ތަންފީޒީ ކޮމިޓީން ކޮށްނިންމައި މަރުކަޒީ މަޖިލީހަށް ރިޕޯޓެއް ހުށަހެޅުމަށެވެ.

ޕީއެލްއޯ ގެ މަރުކަޒީ މަޖިލީހުގެ ބައްދަލުވުމެއް ހޯމަދުވަހު ބައްވާފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ދާއިމީ ގޮތަކަށް އަތްގަދަ ކުރުމަށް އަޅަމުންގެންދާ ޣައިރު ޤާނޫނީ ފިޔަވަޅުތަކަށް ރައްދު ދިނުމާ ބެހޭގޮތުން މަޝްވަރާކުރުމަށް. އެ ކައުންސިލްގެ ބައްދަލުވުމުގައި ފަލަސްތީނުގެ ބިންތަކަށް އިސްރާއީލު ވެރިވެގަތުމަށާއި ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ހެދުމަށް އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލު ކުރަމުން ގެންދާ މަސައްކަތްތަކާ ދެކޮޅަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވާހަކަދެއްކެވިއެވެ. އެހެންނަމަވެސް ފަލަސްތީނުގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން އައްބާސް ޖެހިލުންވެ ވަޑައިގަންނަވާ މައްސަލަ ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.

މިގޮތުން ސަލާމަތީ ކަންކަމުގައި ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް ދޭ އެއްބާރުލުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އިސްރާއީލާ ދެކޮޅަށް އަޅަން އައްބާސްއަށް ކެރިވަޑައިނުގަންނަވާ މައްސަލަ ޕީއެލްއޯގެ މަރުކަޒީ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

ޕީއެލްއޯގެ މަރުކަޒީ މަޖިލީހުގެ ބައްދަލުވުމުގައި ހަމާސް ޖަމާޢަތާއި އިސްލާމިކް ޖިހާދު ޖަމާޢަތާއި ޕޮޕިއުލަރ ފްރަންޓް ބައިވެރިވެފައެއް ނުވޭއެވެ.

އެ ތިން ޖަމާއަތުން އެބައްދަލުވުމުގައި ބައިވެރިނުވީ، އެ ޖަމާއަތްތަކުން އެދުނު ކަންތައްތައް ރައީސް މަޙުމޫދު އައްބާސްގެ ސަރުކާރުން ކޮށްދީފައިނުވާކަމަށް ބުނެ ޝަކުވާ ހުށަހެޅުމަށްފަހުގައެވެ. އެ ތިން ޖަމާޢަތުން އެދުނުކަންތައްތަކުގެ ތެރޭގައި ސަލާމަތީ ކަންކަމުގައި ފަލަސްތީނުގެ ސަރުކާރުން އިސްރާއީލަށް ދޭ އެއްބާރުލުން ހުއްޓާލުން ހިމެނެއެވެ.

މީގެ އިތުރުން އޮސްލޯ އެއްބަސްވުމުން ފަލަސްތީން ވަކިވުމުގެ ނިންމުމެއް އައްބާސްގެ ސަރުކާރުން ނިންމުމާއި ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކެއް ހިމެނޭގޮތަށް ވަޠަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުންފަދަ ކަންކަން ހިމެނެއެވެ.

މަރުކަޒީ މަޖިލީހުގެ ބައްދަލުވުމުގައި، އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ބަލައިގެންފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ނިންމި ނަމަވެސް މިކަން ރައީސް އައްބާސްގެ ސަރުކާރުން ތަންފީޒު ކުރާނެކަމަކަށް ނުބެލެވެއެވެ. މިކަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ޕީއެލްއޯގެ ތަންފީޒީ ކޮމިޓީން ކުރުމަށް އެންގިނަމަވެސް ރައީސް އައްބާސްގެ ލީޑަރޝިޕްގެ ދަށުގައި އޮންނަ އެ ކޮމިޓީން އެކަންތައްތައް ކުރުމުގެ ފުރްސަތުވެސް ވަރަށް ކުޑަކަމަށް މުރާސިލުން ބުނެއެވެ.